އޭއައިގެ ކުރިއެރުން ބިނާ ވަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތަށް: އިޙްސާން
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުން ބިނާވަނީ އާންމު ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެ ޓެކްނޮލޮޖީ ބޭނުންކުރެވޭގޮތުގެ މައްޗަށްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖެ ފަދަ ޤައުމެއްގައި ޚިދުމަތުގެ ފެންވަރު، ވެރިކަންކުރާ ރަށާ ހުރި ދުރުމިނެއްގެ ސަބަބުން ކަނޑައެޅިގެން ނުވާނެކަމަށެވެ. އެހެންކަމުން "މޯލްޑިވްސް 2.0" އިސްތިރާތީޖީގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބޮޑު ބަދަލެއް ގެނައުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އޭއައިގެ ކުރިއެރުން ބިނާވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށްކަމަށެވެ. އެންމެ ބާރުގަދަ ފަރާތްތަކަށް އެކަނި އޭގެ ބޭނުންކުރެވޭނެ ނިޒާމެއްގެ ބަދަލުގައި، އެންމެނަށްވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އޭއައި ތަރައްޤީކުރުމަށް، މިދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކަށް ވަޒީރުވަނީ ގޮވާލައްވާފައެވެ. މިކަން ބިނާވަނީ މަޢުލޫމާތުގެ ރައްކާތެރިކަމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމާއި ޒިންމާދާރުކުރަނިވި ނިޒާމެއްގެ ތެރެއިންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLރާއްޖެއިން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޔުނެސްކޯއާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާކަމަށެވެ. އަދި މިހާރު "މޯލްޑިވްސް އޭއައި ލެބް" ޤާއިމުކޮށްފައިވާކަންވެސް ވަޒީރު އިޢުލާންކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މީގެއިތުރުން، އޭއައިގެ ދާއިރާއިން ތިން ކަމަކަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި އޭއައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް އިންވެސްޓްކުރުމާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ހުރިހާ ދާއިރާއެއް ގުޅޭނެހެން މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، ރާއްޖެއިން މިކަމުގައި ވަކާލާތުކުރަނީ ހުރިހާ އެންމެންގެ ޙައްގުގައިކަމަށް ވިދާޅުވަމުންނެވެ.
Ads by MACL
