ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިމަންދޫގައި ގެނބެމުންދިޔަ ދެ ކުދިން ފުލުހަކާއި އާންމުންގެ މީހަކު ވެގެން ސަލާމަތްކޮށްފި

އއ.ހިމަންދޫ
އއ.ހިމަންދޫ

އއ. ހިމަންދޫ އުތުރު ފަރާތް މޫދަށް އެރި އުޅުނު ދެ ކުޑަކުއްޖަކު އޮޔާދެމި، ސަލާމަތް ނުވެވިގެން އުޅެނިކޮށް އެ ސަރަހައްދުގައި ހުރި އަންހެނަކަށް ފެނިގެން އެކަން ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުމާއެކު، ހިތްވަރުގަދަ ފުލުހަކާއި ރަށުގެ އާންމު ރައްޔިތަކު މޫދަށް ފުންމާލައިގެން ކުރި ބުރަ މަސައްކަތުން އެ ދެ ކުދިން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރަށް އޮޔާދެމި، ދެ ކުދިން ގެނބެމުންދިޔަ މަންޒަރު ފެނުމުން، އެއްވެސް ވަގުތެއް ބޭކާރު ނުކޮށް ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު ދިލާސާގެ، މުޙައްމަދު އާޙިލް ވަނީ ވަގުތުން މޫދަށް އެރި އެ ކުދިން ތިބި ދިމާލަށް ފަތާފައި ގޮސްފައެވެ.

މި ހާދިސާގައި އޮޔާގޮސް ފުރާނައަށް ނުރައްކާވި 11 އަހަރާއި 12 އަހަރުގެ މި ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ ރައްޔިތަކުވެސް ވަނީ އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެންގެ ހިތްވަރާއެކު ދެ ކުދިން ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތްކަމާއެކު އެއްގަމަށް ނެގުނުއިރު، ކުދިން ސަލާމަތްކުރުމުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނުބޮވިފައިވީ ނަމަވެސް، އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި ދެ ކުދިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ވަކިން ހާއްސަކޮށް ކުޑަކުދިން މޫދަށް އެރޭނަމަ ބޮޑެތި މީހުންގެ ބެލުމުގެ ދަށުން ނޫނީ އެކަން ނުކުރުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.