ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެޓާ ގްލާސްގެ ލައިޓް އޮފް ކޮށްލައިފިނަމަ ކެމެރާ ވެސް އޮފް ވާ ގޮތް ހަދައިފި

މެޓާ ގްލާސްގެ ލައިޓް އޮފް ކޮށްލައިފިނަމަ ކެމެރާ ވެސް އޮފް ވާ ގޮތް ހަދައިފި

މެޓާ ގްލާސްގެ ލައިޓް އޮފް ކޮށްލައިފިނަމަ ކެމެރާ ވެސް އޮފް ވާ ގޮތް ހަދައި، މެޓާގެ ރޭ-ބޭން ސްމާޓް ގްލާސްތަކުގައި ކެމެރާ އޮންކުރާ ވަގުތު އެހެން މީހުންނަށް އެނގޭނެ ގޮތަށް ދިއްލޭ ޕްރައިވަސީ އިންޑިކޭޓަރ ލައިޓް ގަސްތުގައި ނައްތާލައި ނުވަތަ ހަލާކުކޮށްފިނަމަ، މިހާރު އެ ގްލާސްގެ ކެމެރާ އެއްކޮށް ޑިސޭބަލްވާނެ ކަމަށް މެޓާއިން އިއުލާނުކޮށްފިއެވެ.

މިއީ ކެމެރާ ހިމެނޭ ސްމާޓް ގްލާސްތަކާ ގުޅިގެން އުފެދިފައިވާ ޕްރައިވަސީ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި އާ ބަދަލެކެވެ.

މެޓާ ގްލާސްތަކުގައި ހުންނަ މި ލައިޓަކީ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގާ ވަގުތު އެހެން މީހުންނަށް އެކަން އަންގައިދޭ ސިގްނަލެކެވެ. މީގެކުރިން ވެސް މި ލައިޓް މަތީގައި ޓޭޕް ޖަހައިގެން ނުވަތަ އެނޫން ވެސް ގޮތަކުން ބްލޮކްކޮށްފިނަމަ، ކެމެރާ މަސައްކަތް ނުކުރާނެ ފަދަ ސޭފްގާޑެއް މި ގްލާސްތަކުގައި ހިމަނާފައިވެއެވެ.

މެޓާއިން ހާމކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ދެވަނަ ޖީލުގެ ގްލާސްތަކުން ފެށިގެން، ކެޕްޗާ އެލްއީޑީ ބްލޮކްވެއްޖެނަމަ ކެމެރާ އޮޓޮމެޓިކުން ޑިސޭބަލްވާނެއެވެ. އަދި އެ ލައިޓް އަލުން އަންބްލޮކްވަންދެން އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގޭނެ ގޮތެއް ނޯންނާނެއެވެ.

ނަމަވެސް މި ސޭފްގާޑް ތައާރަފްކުރި ފަހުން، ބައެއް ފަރާތްތަކުން ޓޭޕް އެޅުމުގެ ބަދަލުގައި މާ ފުން ގޮތްގޮތަށް އެލްއީޑީ މޮޑިފައިކޮށް ނުވަތަ ފިޒިކަލީ ހަލާކުކޮށްލައިގެން، ލައިޓް ނުދިއްލޭ ގޮތް ހަދައި ރެކޯޑްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިގޮތަށް ގްލާސްތައް ބަދަލުކޮށްދޭ ޚާއްސަ ޚިދުމަތްތަކެއް ވެސް ބައެއް ފަރާތްތަކުން ދަނީ ހުށަހަޅަމުންނެވެ.

މިކަމާ ގުޅިގެން މެޓާއިން މިހާރު ބުނަނީ، ލައިޓް ފިޒިކަލީ ބަދަލުކޮށްފިނަމަ ނުވަތަ ހަލާކުކޮށްފިނަމަ އެކަން ދެނެގަނެ، ކެމެރާ ޑިސޭބަލްކުރާ ގޮތަށް ގްލާސްތައް އަޕްޑޭޓްކުރަމުންދާ ކަމަށެވެ. މިއީ އެހެން އެއްވެސް ކެމެރާއެއްގައި މިހާތަނަށް ކޮށްފައިނުވާ ކަމެއް ކަމަށާއި، މިއީ އިންޑަސްޓްރީގައި ޕްރައިވަސީ ރައްކާތެރިކުރުމަށް އެޅޭ އެންމެ ކުރިއަރާފައިވާ ފިޔަވަޅު ކަމަށް މެޓާއިން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން މެޓާއިން އިތުރު ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ. އެގޮތުން ޕްރައިވަސީ ލައިޓް ނިއްވާލަން ގްލާސް ބަދަލުކޮށްދޭ ޚިދުމަތްތަކުގެ އިޝްތިހާރުތަކާއި، ޕޯސްޓްތަކުގެ އިތުރުން ފޭސްބުކް މާކެޓްޕެލެސް ގައި ހުންނަ އެފަދަ ލިސްޓިންތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެފަދަ ޚިދުމަތްތައްދޭ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ވެސް މެޓާއިން ބާއްވާނެއެވެ.

ނައިންޓުފައިވް އަށް މެޓާއިން ފޮނުވި މެއިލްއެއްގައި ބުނެފައިވާ ގޮތުގައި، ކެމެރާ ރައްކާތެރިކޮށްދޭ މި އާ އަޕްޑޭޓް މިހާރު ވަނީ ރޯލްއައުޓްކުރަން ފަށާފައެވެ. އަދި މިއީ މި ގްލާސް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް އަޅަން މަޖުބޫރު އަޕްޑޭޓެކެވެ.