ވޯލްޑް ކަޕް ކުރިއަށްދާއިރު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް އެފްބީއައި އިން ތަހުގީގެއް ފަށައިފި
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އާ ގުޅޭގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރިއަށްގެންދާ ތަހުގީގުގައި އާ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި ތަހުގީގު ކުރިއަށްދަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު އެ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވޯލްޑް ކަޕްގައި ބައިވެރިވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައިގެ ތެރެއިން އެފްބީއައިގެ އެޖެންޓުންނާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ޕްރޮސެކިއުޓަރުން ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ގިލާމޯ ޓޮފޯނީ އާ ސުވާލުކޮށްފައެވެ. ދެ ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ބަޔާން ނެގުމަކީ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތެކެވެ.
Ads by BMLކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދަނީ އޭއެފްއޭ އާ ގުޅުންހުރި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކެކެވެ. މީގެ ތެރޭގައި އެމެރިކާގައި ގާއިމުވެފައިވާ ބޭންކުތަކާއި ކުންފުނިތަކުން މެނޭޖްކުރާ ވިޔަފާރި ކޮންޓްރެކްޓްތައް ހިމެނެއެވެ. ބެލެވޭ ގޮތުގައި މި މައްސަލައިގައި ތަހުގީގު ކުރެވެމުންދާ ފައިސާގެ އަދަދު 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައެވެ.
ޓެރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަހުގީގުގެ މައިގަނޑު ބޭނުމަކީ އެ އެސޯސިއޭޝަންގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތަކުގައި އެމެރިކާގެ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް ހިނގާފައިވޭތޯ ބެލުމެވެ. މިއީ އެމެރިކާގެ މާލީ ނިޒާމު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކަކަށް ވާތީ، އެމެރިކާގެ އިދާރާތަކުން މިކަން ބެލުމުގެ އިހުތިސާސް އޮވެއެވެ.
މިހާތަނަށް މި މައްސަލައިގައި އެއްވެސް ފަރާތަކަށް ރަސްމީކޮށް ދައުވާއެއް އުފުލާފައެއް ނުވެއެވެ. މައްސަލަ އަދި އޮތީ އިބްތިދާއީ މަރުހަލާގައެވެ. މި މަރުހަލާގައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ހެކި އެއްކުރުމަށާއި، އެއްވެސް ގަވާއިދާ ހިލާފު ކަމެއް ހިނގާފައިވޭތޯ ކަށަވަރު ކުރުމަށެވެ.
Ads by MACL
