ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަނީ އަޅުގަނޑެއްނޫން، ނުފޫޒު ފޯރުވަނީ ސުޢޫދު: އުޝާމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަނޑާރަ ނައިބު މިހެން ވިދާޅުވީ އަހާ ފޯރަމުގައި ބަންޑާރަ ނައިބުގެ މައްޗަށް ކުރެވޭ މި ތުހުމަތާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. މި ތުހުމަތުތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުޢޫދުވެސް ވަނީ ކުރައްވާފައެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑަގެން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ގޮތަށް ތުހުމަތު ކުރެއްވި ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދަކީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުންދާ ބޭފުޅެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
Ads by BMLއޭގެ ބަދަލުގައި މި ސަރުކާރު އައުމަށް ފަހު، އެކި ގޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ މެސެޖުތަކާއި އަދި އެކި ތަންތަނުން ބައްދަލުވެ ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ނޫފުޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވަނީ ހުސްނުސުޢޫދުކަމަށް ދެކެވަޑައިގަންނަވާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނަވާނީވެސް އެ ބޭފުޅާ. އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު މިދަންނަވަނީ. އެއްވެސް ޒަމާނެއްގައި ތަހުޤީޤެއް ކުރައްވައިފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ." ބަންޑާރަ ނައިބު ވިދާޅުވިއެވެ.
Ads by MACL
