ފުޓްސަލް ތަރި އަޔާގެ އޭ10 ފިހާރައާއެކު ކުޅުންތެރިންނަށް އާ އުންމީދެއް!
ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނާއި މި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ކުޅިވަރު ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ގައުމީ ފުޓްސަލް ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އިސްވެ ހުރެ "އޭ10" (A10) ގެ ނަމުގައި ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.
ގަލޮޅު ނިރޮޅުމަގުގައި ގާއިމުކޮށްފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފިހާރައަކީ ފުޓްސަލް ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ތަފާތު އެކި ބްރޭންޑްތަކުގެ ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓާއި، ކުޅިވަރުގެ އެހެނިހެން ސާމާނު ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް ހުޅުވި ތަނެކެވެ. މީގެ އިތުރުން ފުޓްސަލް ޓީމުތަކަށް ބޭނުންވާ ޖާރޒީ ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ވެސް މި ފިހާރައިން ފުޅާދާއިރާއެއްގައި ލިބެން ހުންނާނެއެވެ.
Ads by BMLފިހާރަ ހުޅުވުމަށްފަހު މައުލޫމާތު ދެއްވަމުން ފިހާރައިގެ ވެރިޔާ އަޔާޒް އަހުމަދު ބުނީ، އޭނާއަކީ އަމަލީ ގޮތުން ފުޓްސަލް ކުޅުމުގައި ހަރަކާތްތެރިވާ ކުޅުންތެރިއަކަށް ވުމުން، ކުޅުންތެރިންނަށް ދިމާވާ ދަތިތައް އެނގޭ ކަމަށާއި، މި ވިޔަފާރީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފުޓްސަލް އާއިލާއަށް ބޭނުންވާ މުދާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ފިހާރަ ކާމިޔާބުކަމާއެކު ހުޅުވުމާ ހަމައަށް ކުރެވުނު މަސައްކަތުގައި އޭނާގެ އާއިލާއާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އަޔާ ވަނީ އެ ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
"އޭ10" ފިހާރަ ހުޅުވުމާއެކު، ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
