ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ހުޅުމާލެއިން ބިމެއް ހަވާލުކޮށްފި

ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ: އައިލެންޑް އޭވިއޭޝަން
ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ: އައިލެންޑް އޭވިއޭޝަން

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި، އެ ކުންފުންޏާ އެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މި މަޝްރޫއާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެޗްޑީސީން ދީފައިވާ ކަމަށެވެ. އަދި ބިން ހަވާލުކުރުމާ އެކު ކުރިއަށް އޮތް ތަނުގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި އިމާރާތް ކުރާނީ ޖުމްލަ ކިތައް ފްލެޓްކަން ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ކާމިޔާބު މަޝްރޫއުތައް ހިންގާފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ 384 އެޕާޓްމަންޓުގެ ދެ ޓަވަރުގެ އިތުރުން، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ފްލެޓް އަޅައި ހަވާލުކޮށްފަ އެވެ.