ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމް ހެދޭނެ މަގު ފަހިކުރުމަށް މެޑިކަލް ޔުނިޓެއް އަޅާނެ ބިން ހަމަޖައްސައިފި
ރާއްޖޭގައި ތިބެގެން ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ހާއްސަ މެޑިކަލް ޔުނިޓު އިމާރާތް ކުރާނެ ބިން މިހާރު ހަމަޖެހި، އެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ލެވެލް 2 ގެ މި ފޮރެންސިކް މެޑިކަލް ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުން ކަމަށެވެ.
މި ޔުނިޓުގެ ހިދުމަތް ފެށުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހުންނަށް ލިބޭ ގެއްލުންތައް ވަޒަންކުރުމުގެ ހިދުމަތް ވެސް މި ޔުނިޓުން ލިބޭނެއެވެ. ހަމައެއާއެކު، ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލު ކުރުން ވެސް މި ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގައި މި ހިދުމަތް ގާއިމުކުރަން ނިންމާފައި މިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމަށްޓަކައި 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހި، އެކަމަށް ބޮޑެތި ހަރަދުތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މިނިސްޓަރު ގީލާ ހާމަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރަށް ފޮނުވި ކޮންމެ ހަށިގަނޑަކަށް ދައުލަތުން އެވްރެޖްކޮށް 55,000 ރުފިޔާ ހޭދަކުރަން ޖެހުނެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު 2015 ވަނަ އަހަރު އެކުލަވައިލާފައިވާއިރު، ފުލުހުންގެ އިދާރާއިން ވެސް މީގެ ކުރިން ވަނީ މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފައެވެ.
Ads by MACL
