ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަން ޑރ. ފަޒްނާ ނިޔާވެއްޖެ
ރާއްޖޭގައި އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒްނާ މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވީ، ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް އޭނާ ނިޔާވި ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ގދ. ގައްދޫ، ކަށިކެޔޮމާގޭ، ޑރ. ފަޒްނާ އަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްބީބީއެސް ނިންމެވުމަށްފަހު، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަވެގެން އޭނާ އެންމެ ފުރަތަމަ އައިޖީއެމްއެޗާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރު އެވެ.
Ads by BMLއޭގެ ފަހުން ތައުލީމީ ދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގަތުމަށް 2021 ވަނަ އަހަރު މެލޭޝިއާގެ ކެބަންސާން ޔުނިވާސިޓީގައި ދެ އަހަރު ދުވަހު ކިޔަވައި ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަންގެ ދާއިރާއިން ތަމްރީނު ހޯއްދަވައި، އޯޓިޒަމް ފަދަ އާލާސްކަންފަތްތައް ދެނެގަތުމުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗްގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރު އެވެ.
ޑރ. ފަޒްނާގެ ވަކިވެދިއުމަކީ ގިނަ އާއިލާތަކަކަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ހީނަރުކަމެއް ގެނުވި ކަމެކެވެ. އޭނާ ނިޔާވިއިރު އޭނާގެ ދެ އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ޑރ. ފަޒްނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގަ އެވެ.
Ads by MACL
