ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްރާންސުން އަހަރެމެންނަށް ދެވޭނެ "ސަޕްރައިޒް" އެއް ނޯންނާނެ؛ މި ކުޅެނީ ސީދާ ތައްޓަށް: މޮރޮކޯގެ ކޯޗު

ފްރާންސުން އަހަރެމެންނަށް ދެވޭނެ "ސަޕްރައިޒް" އެއް ނޯންނާނެ؛ މި ކުޅެނީ ސީދާ ތައްޓަށް: މޮރޮކޯގެ ކޯޗު
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރޮކޯގެ ހެޑް ކޯޗު މުހައްމަދު އުއާބީ ވަނީ އިތުބާރާއެކު ވަރުގަދަ މެސެޖެއް ދީފައެވެ. އޭނާ ބުނީ މޮރޮކޯގެ ކުޅުންތެރިންނަށް ފްރާންސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެހެންކަމުން ފްރާންސުން ކުރިމަތިކުރާނެ އާ އުކުޅެއް ނުވަތަ ހައިރާންކަމެއް އޮންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ކޯޗު އުއާބީ ބުނި ގޮތުގައި ކުއާޓާ ފައިނަލާ ހަމައަށް ދިއުމަކީ އަދި ކާމިޔާބީއެއް ކަމަށް ބަލައިގެން މޮރޮކޯ މަޑުން އޮންނާކަށް ނެތެވެ.

"އަދި ތައުރީފު ކުރާނެ ޖާގައެއް ނެތް. އަހަރެމެންގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން،" އޭނާ ބުންޏެވެ.

މޮރޮކޯ އަކީ ހަމައެކަނި މުބާރާތުގައި ވާދަކުރަން އައި ޓީމެއް ނޫން ކަމަށާއި، އެންމެ މަތީ ފެންވަރުގައި ކުޅެފިނަމަ ތަށި ހޯދުމުގެ ގާބިލްކަން އެބަހުރި ކަމަށް އޭނާ ގަބޫލުކުރެއެވެ.

ފްރާންސްގެ ކޮންމެ ސަރަހައްދެއްގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބިކަން ފާހަގަކުރަމުން އުއާބީ ބުނީ، އިދިކޮޅު ޓީމު ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. މޮރޮކޯގެ ޓީމުން ބޯޅަ ހިފަހައްޓައިގެން ކެތްތެރިކަމާއެކު ކުޅެންޖެހޭ ކަމަށާއި، މެދުތެރެއިންނާއި އަރިމަތިން ލިބޭ ހުސްޖާގަތަކުގެ ބޭނުން ހިފަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. ޑިޑިއޭ ޑެޝޯމްޕްގެ ފަރާތުން ޓެކްޓިކަލް ގޮތުން އާ ކަންތައްތަކެއް ފެންނާނެ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ފްރާންސް އަތުން 2-0 އިން ބަލިވި މެޗުގެ ހަނދާންތައް އާކުރަމުން އުއާބީ ބުނީ، އޭގެ ފަހުން ދެ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މޮރޮކޯ މިހާރު ކުރިއަށްވުރެ ވަރުގަދަވެފައި ތަޖުރިބާވެސް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެމްބާޕޭ، ޑެމްބެލޭ، އޮލީސޭ އަދި ބާކޯލާ ފަދަ ކުޅުންތެރިންނާއެކު ފްރާންސަކީ އަދިވެސް މުބާރާތުގެ ފޭވަރިޓުންކަން އޭނާ ގަބޫލުކުރެއެވެ.

މި މެޗުން މޮޅުވުމަށްޓަކައި ކުޅުންތެރިން ދަނޑުމަތީގައި ހުރިހާ ހަކަތައެއް ހުސްކުރަންޖެހޭނެ ކަމަށް އުއާބީ ބުންޏެވެ. "އަހަރެމެން ކުޅެންޖެހޭނީ 2،000 އިންސައްތައިގައި،" އޭނާ ބުންޏެވެ. ކުރިން ހޯދިފައިވާ ކާމިޔާބީތަކާ މެދު ވިސްނުމުގެ ބަދަލުގައި، މުޅި ޓީމުގެ ފޯކަސް ހުރީ ސެމީ ފައިނަލަށް ދިއުމަށް ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު މޮރޮކޯއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯވާޑް އިސްމާއިލް ސައިބާރީއަށް ލިބިފައިވާ އަނިޔާއެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ މިއަދުގެ މެޗުގައި ނުކުޅޭނެކަން ކޯޗު ކަށަވަރުކޮށްދިނެވެ. ނަމަވެސް މޮރޮކޯ މުބާރާތުގައި ކުރިއަށް ގޮސްފިނަމަ، ފަހުގެ މެޗުތަކުގައި އޭނާއަށް ކުޅެވޭނެ ކަމުގެ އުންމީދު ކޯޗު ފާޅުކުރިއެވެ.