ނިއު ޔޯކުގެ ހުރިހާ ކޯޓެއްގައި ސްމާޓް އައިނު މަނާކޮށްފި
އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ހުރިހާ ކޯޓު ރޫމެއްގައި ސްމާޓް ގްލާސަސް ނުވަތަ ސްމާޓް އައިނު ބޭނުންކުރުން މަނާކޮށްފިއެވެ.
މިއީ އެމެރިކާގެ ސްޓޭޓެއްގެ ހުރިހާ ކޯޓުތަކެއް ހިމެނޭ ގޮތަށް މިފަދަ ފުރިހަމަ މަނާކުރުމެއް އިޢުލާނުކުރި ފުރަތަމަ ފަހަރެވެ.
ޕެންސިލްވޭނިއާ، ހަވާއީ އަދި ވިސްކޮންސިން ފަދަ ބައެއް ސްޓޭޓްތަކުގެ ވަކިވަކި ކޯޓުތަކުގައި މީގެ ކުރިން މިފަދަ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، މުޅި ސްޓޭޓް އެއްކޮށް ކަވަރުކުރާ ގޮތަށް އަމުރެއް ނެރުނު ފުރަތަމަ ސްޓޭޓަކީ ނިއު ޔޯކެވެ.
Ads by BMLނިއު ޔޯކް ސްޓޭޓް ޔުނިފައިޑް ކޯޓް ސިސްޓަމުން މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ނެރުނު ދާޚިލީ މެމޯއެއްގައިވާ ގޮތުން، މި އާ ގަވާއިދަށް ޢަމަލުކުރަން ފަށާނީ ޖުލައި 20 އިން ފެށިގެންނެވެ. މި މެމޯގެ މައުލޫމާތު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ސިރަކިއުޒް ޑޮޓްކޮމް އިންނެވެ.
މި އަމުރުގެ ދަށުން ކެމެރާ، މައިކްރަފޯން ނުވަތަ ރެކޯޑިންގ ޓެކްނޮލޮޖީ ހިމެނޭ ކޮންމެ އައިނަކާއި ބޮލުގައި އަޅާ އެފަދަ އެއްޗެހި ބޭނުންކުރުން މަނާވާނެއެވެ. މީގެ ތެރޭގައި ލޮލުގެ ފެނުން ސާފުކުރުމަށް އަޅާ ނަންބަރު އައިނުތަކުގެ ތެރެއިން ރެކޯޑްކުރުމުގެ ޤާބިލުކަން ހުންނަ ސްމާޓް އައިނުތައް ވެސް ހިމެނެއެވެ. އަދި ކޯޓަށް އަންނަ މީހުން މިފަދަ ތަކެތި އަޅައިގެން އަތުވެއްޖެ ނަމަ، އެ ތަކެތި ކޯޓުގެ އޮފިސަރުންނާ ހަވާލުކުރަން ޖެހޭނެއެވެ.
މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ޖެހުނު މައިގަނޑު ސަބަބަކީ، ނިއު ޔޯކް ސިވިލް ރައިޓްސް ޤާނޫނާއި ކޯޓުގެ ގަވާއިދުތަކާ ޚިލާފަށް ސިއްރުން ޝަރީޢަތްތައް ރެކޯޑްކުރުން ހުއްޓުވުމެވެ. މި ފިޔަވަޅު މި އެޅީ ރޭބަން މެޓާ ފަދަ ސްމާޓް އައިނުތައް ޢާންމުވެ، މީހުންގެ ޕްރައިވެސީއާ މެދު ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގެ ބައެއް މަންސަތަކުގައި މިފަދަ އައިނުތަކަށް "ޕަރވާޓް ގްލާސަސް" ގެ ނަމުން ވެސް މުޚާޠަބުކުރެއެވެ. މީގެ އިތުރުން، އައިނުން ވީޑިއޯ ނަގާއިރު ދިއްލޭ އިންޑިކޭޓަރ ލައިޓް ނިވާކޮށްލައިގެން، ކުރިމަތީގައި ތިބޭ މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ވީޑިއޯ ރެކޯޑްކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއު ޔޯކްގެ 1,240 ކޯޓު ހައުސްއެއްގައި މި އުސޫލު ހިންގަން ފަށާއިރު، މީގެ ކުރިން ވެސް ގިނަ ކޯޓުތަކުގައި ރެކޯޑިންގ ޑިވައިސްތައް މަނާކޮށްފައިވެއެވެ.
ނަމަވެސް، ސްމާޓް އައިނު ވަކިން ބަޔާންކޮށް، މުޅި ސްޓޭޓްގައި އެއް ފަހަރާ މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރަކީ މިއެވެ.
Ads by MACL
