ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ސީޒަނަށް ތައްޔާރުވާން ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށައިފި, އަމާޒު ހުރިހާތަށްޓަކަށް!

އާ ސީޒަނަށް ތައްޔާރުވާން ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށައިފި, އަމާޒު ހުރިހާތަށްޓަކަށް!

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ފަރިތަކުރުންތައް އާންމުކޮށް ކުރިއަށްދަނީ އެފްއޭއެމް ޓާފް ދަނޑުގައެވެ.

ނިއު ރޭޑިއަންޓުން ހާމަކުރި ގޮތުގައި މި ވަގުތު ޕްރެކްޓިސްތައް ކުރިއަށްދާއިރު، ޓީމުގެ ހުރިހާ ކުޅުންތެރިން އަދި ބައިވެރިއެއް ނުވެއެވެ.

ނަމަވެސް ރާއްޖޭގެ ފުންނާބު އުސް ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އިރޭ، ނާއިމް އަދި ލިލީ ފަދަ މުހިންމު ކުޅުންތެރިން ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

މި ފަހަރުގެ ސީޒަނަށް ނިއު ރޭޑިއަންޓުން ނުކުންނަނީ މިދިޔަ އަހަރުގެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނާއެކުގައެވެ.

މީގެ އިތުރުން ޓީމަށް އަލަށް ހަ ކުޅުންތެރިއަކު ވަނީ ގުޅިފައެވެ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން މިދިޔަ އަހަރު ޓީމުގައި ތިބި ދެ ކުޅުންތެރިއަކު މި އަހަރު ވެސް ފެންނާނެ ކަމަށާއި، އެ ކުޅުންތެރިން އަންނަ ހަފުތާގައި ޓީމާ ގުޅޭނެ ކަމަށް ކުލަބުން މައުލޫމާތު ދެއެވެ.

ޓީމުގެ ޒުވާން ކުޅުންތެރިންނާ ގުޅޭގޮތުން ނިއުއިން ބުނީ، އީތަން ފަދަ ޒުވާން ކުޅުންތެރިން ޓީމާ ގުޅޭނީ މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ މުބާރާތް ނިމުމުން ކަމަށެވެ. އަދި ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މި އަހަރު ވެސް ހުންނާނީ މިދިޔަ އަހަރު ވެސް އެ ޓީމަށް އިރުޝާދުދިން ކޯޗެވެ. އޭނާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ.

އާ ސީޒަން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. އޭގެ ފަހުން އޮގަސްޓް 3 ގައި ކަޕް ވިނާސް ކަޕް ފަށާއިރު، ނިއުއިން އަވަހަށް ފަރިތަކުރުންތައް ފެށި މައިގަނޑު ސަބަބަކީ ވެސް އެ މުބާރާތަށް ތައްޔާރުވުމެވެ. ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ.