ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ އެތެރޭގެ ބޮޑު އިންތިހާބުގެ ވޯޓުލުން ފޯރިއާއެކު ފަށައިފި

ޕީއެންސީގެ އެތެރޭގެ ބޮޑު އިންތިހާބުގެ ވޯޓުލުން ފޯރިއާއެކު ފަށައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމުގެ މަގްސަދުގައި ބާއްވާ އެ ޕާޓީގެ ދާއިރާތަކުގެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގޮސް، ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ޖުމްލަ 130 ރަށެއްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އެކިއެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ މި ދާއިރާތަކުގެ އިންތިހާބުގައި 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަމުންދެއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ފަތުހީ ވިދާޅުވި ގޮތުގައި، ހުރިހާ ދާއިރާއެއްގައިވެސް ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ރޭވިފައިވާ އުސޫލުގެ މަތިން މިހާރު ދަނީ ކުރިއަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ޕީއެންސީގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ކަމަށްވާއިރު، މި ކަމަށް ބޭނުންވާ ވޯޓާސް ލިސްޓާއި ކެންޑިޑޭޓުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 6 ވަނަ ދުވަހު އާންމުކޮށްފައެވެ.

މިއަދުގެ ވޯޓުލުމުގައި ދާއިރާތަކުގެ ނައިބު ރައީސުންނާއި، އަންހެނުންގެ އަދި ޒުވާނުންގެ ހަރަކާތްތަކުގެ ރައީސުންގެ އިތުރުން ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދާއިރާގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރަކު ނެތް ދާއިރާތަކަށް އެކަނި ކަމަށާއި، މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އޮޓޮމެޓިކުން އެ މެންބަރުން ކަމަށްވެސް އެ ޕާޓީން ބުނެއެވެ.