އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗް އެކްސިޑެންޓް ވުމުން ފިލި އުޅަނދު ހޯދަން ފަށައިފި
މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި އެހެން އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ފިލި އުޅަނދު ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
މެރިން ޕޮލިސް އިން އަންނަނީ މި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ގެއްލުންވި ލޯންޗުގައި ތިބި މީހުންގެ ތެރެއިން ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ހަތަރު ފިރިހެނުންނެވެ.
Ads by BMLހާދިސާ ހިނގި ސަރަހައްދުން މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެ އުޅަނދު ދެނެގަނެވޭނެ ފަދަ ނިޝާނެއް އެނގޭ ފަރާތެއް ވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެހެން އުޅަނދުން ޖެހުމުގެ ސަބަބުން "ލީޖަން 1" ލޯންޗުގެ ބައެއް ފުނޑުފުނޑުވެ، އުޅަނދަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
Ads by MACL
