ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ އެހެން ޕާޓީތަކަށް ނަމޫނާއެއް: ޢަބްދުއްރަޙީމް
މިއަދު ކުރިއަށްދާ އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންގެ އިތުރުން، އެ ޕާޓީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުކުރައްވާ ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، މަޖިލިސް މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ނައިބުރައީސުން ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގައި 2,086 މަގާމަކަށް މީހުން އިންތިޚާބުކުރާއިރު، 2,300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، "އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" ކަމަށެވެ. އަދި ވޯޓުލުމުގެ ކަންކަން މިހައިތަނަށް އައިއިރު އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕާޓީއަކުން މިފަދަ ވާދަވެރި އިންތިޚާބެއް ބޭއްވުމަކީ މީގެ ކުރިން ފެނިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. މި އިންތިޚާބުގެ ކަންކަން ވިލަރެސްކުރަމުންދަނީ ރައީސް މުޢިއްޒު އެކުލަވައިލައްވާފައިވާ ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ މެދުގައި އޮތް މި އިތުބާރުގެ މައިގަނޑު ސަބަބަކީ ޕާޓީ ހިންގުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމެވެ. އަދި އުންމީދަކީ އެއްވެސް ހަމަނުޖެހުމެއް ނެތި އިންތިޚާބުގެ ކަންކަން ނިމި، މި އިންތިޚާބާއެކު ޕާޓީ އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
Ads by MACL
