ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާނޫނުތައް އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނަން: ޝަކީލު

ގާނޫނުތައް އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނަން: ޝަކީލު

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝަކީލު ވިދާޅުވީ ގާނޫނު ހަދާ ފަރާތްތަކުން ގާނޫނުތަކަށް އިސްލާހު ގެނެސްފިނަމަ އިންތިހާބުތައް އެކުގައި ބޭއްވުމުގެ ކަންކަން އިލެކްޝަނުން ކުރާނެ ކަމަށެވެ.

ޝަކީލު ވިދާޅުވީ އިންތިހާބުތައް އެއްކޮށް ބާއްވައިފިނަމަ ދައުލަތުން އިންތިހާބުތަކަށް ކުރާ ހޭދަ ރައްޔިތުންގެ އެހެން ބޭނުންތަކަށް ހޭދަކުރެވޭނެ ކަމަށެވެ.

"ގާނޫނު ހަދާ ފަރާތްތަކުން އެ ގާނޫނުތަކަށް އެ އިސްލާހުތައް ގެނެސް އިންތިހާބުތައް އެއްކޮށް ބާއްވަން ނިންމަވައިފިނަމަ އަޅުގަނޑުމެން އޭގައި އެއްކޮށް ބާއްވާނީ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުތައް ކައިރިކައިރީގައި ބޭއްވުމަކީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޝަކީލު ވިދާޅުވީ ގާނޫނުތަކާއި ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަންކަން ބަޔާންކޮށްފައިވާތީ އެކަން އެގޮތަށް މިހާރު ކުރަންޖެހޭ ކަމަށެވެ.

ޝަކީލު އިތުރަށް ވިދާޅުވީ އިންތިހާބުތައް އެއްކޮށް ބާއްވައިފިނަމަ ދައުލަތުން ކުރަން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށާއި، އެކަމާ މެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިންތިހާބުތައް އެއްކޮށްލުމާމެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަތުމަށް ޝަކީލު ވިދާޅުވި ނަމަވެސް، މިދިޔަ އެޕްރީލް މަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި 68 ޕަސަންޓު ރައްޔިތުން ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެ ވޯޓުގައި 216,539 މީހުން ބައިވެރިވިއިރު، 148,859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އިންތިހާބުތައް އެއްކޮށްލަން ނެގި ވޯޓުން ސަރުކާރު ބަލިވީ މައްސަލައިގެ ވާނުވާ އޮޅުންނުފިލުވާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުންދަނީ ގާނޫނީ އޮނިގަނޑަށް ބަދަލު އަތުވެއްޖެނަމަ އެކަން ތަންފީޒު ކުރާނެ ކަމަށެވެ.