ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އާޖެންޓީނާ - ސުވިޒަލޭންޑް (މެޗް ޕްރިވިއު)

ވޯލްޑް ކަޕް 2026: އާޖެންޓީނާ - ސުވިޒަލޭންޑް  (މެޗް ޕްރިވިއު)

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ސުވިޒަލޭންޑް އާދިއްތަ ބދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން 6:00 ގައި ބައްދަލުކުރާނެއެވެ. ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅެވޭ މި މެޗުން މޮޅުވާ ބަޔަކަށް ސެމީ ފައިނަލުން ޖާގައެއް ލިބިގެންދާއިރު، އެ ޓީމަކަށް ސެމީގައި ކުރިމަތިލާން ޖެހޭނީ ނޯވޭ ނުވަތަ އިންގްލެންޑާއެވެ.

މި މުބާރާތުގެ އެންމެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އާޖެންޓީނާ ނުކުންނަނީ ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ތަށި ދިފާއުކުރުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ. ނަމަވެސް، ސުވިޒަލޭންޑަކީ މި މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ. އެމީހުންގެ ދިފާއީ ވަރުގަދަކަމާއި ރޭވުންތެރިކަމުގެ ސަބަބުން މި މެޗަކީ އާޖެންޓީނާއަށް ފަސޭހަވާނެ މެޗެއް ނޫންކަން ޔަގީނެވެ.

ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އާޖެންޓީނާއަށް ކުއާޓާ ފައިނަލާ ހަމައަށް އާދެވުނީ ވަރަށް އުނދަގޫ މަގަކުންނެވެ. ގަދަ 32 ގެ ބުރުގައި ކޭޕް ވާޑް އަތުން 3-2 އިން މޮޅުވިއިރު، ގަދަ 16 ގައި މިސްރުގެ މައްޗަށް ކުރިހޯދީވެސް ހަމަ އެ ނަތީޖާއިންނެވެ. އާޖެންޓީނާގެ އެޓޭކިންގް ވަރުގަދަ ނަމަވެސް، ފަހު ދެ މެޗުގައި ފަސް ގޯލު ވަދެފައިވުމަކީ އެ ޓީމުގެ ދިފާއީލައިނާމެދު ސުވާލު އުފެދޭ ކަމެކެވެ.

ސުވިޒަލޭންޑުން ވަނީ މި މުބާރާތުގައި ވަރަށް އަހުލާގީ އަދި ތަރުތީބު ކުޅުމެއް ދައްކާފައެވެ. ގަދަ 32 ގައި އަލްޖީރިއާ 2-0 އިން ބަލިކުރުމަށްފަހު، ގަދަ 16 ގައި ކޮލަމްބިއާއާ ދެކޮޅަށް ދެއްކި ސާބިތުކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. 120 މިނެޓު ކުޅުނުއިރުވެސް ގޯލެއް ވަނަނުދީ ހިފަހައްޓައި، ޕެނަލްޓީ ޖަހައިގެން އެމީހުން ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ. ކެޕްޓަން ގްރޭނިޓް ޒާކާ އާއި ބްރީލް އެމްބޯލޯއަކީ އެ ޓީމުގެ އެންމެ މުހިންމު ދެ ތަނބެވެ.

މި މެޗުގައި ފެނިގެންދާނީ ދެ ތަފާތު ފަލްސަފާއެއްގެ ކުރިމަތިލުމެކެވެ. އާޖެންޓީނާއިން ބޯޅަ ހިފަހައްޓައިގެން މެސީ އާއި އެންޒޯ ފެނާންޑޭޒް މެދުވެރިކޮށް ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރާނެއެވެ. އަނެއްކޮޅުން ސުވިޒަލޭންޑުން ބަލާނީ ދިފާއީ ދެ ލައިން ވަރުގަދަކޮށް ބާއްވައިގެން، ކައުންޓަރ އެޓޭކުގައި އާޖެންޓީނާއަށް ނުރައްކާ ކުރެވޭތޯއެވެ. މެސީއަށް ލިބޭ ޖާގަ ހަނިކުރެވިއްޖެނަމަ، ސުވިޒަލޭންޑަށް މެޗުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އާޖެންޓީނާގެ ފަރާތުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނީ ކެޕްޓަން ލިއޮނަލް މެސީ އަށެވެ. އޭނާގެ އިތުރުން ހޫލިއަން އަލްވަަރޭޒް އާއި ލައުޓާރޯ މާޓިނޭޒްގެ ނުރައްކާ ބޮޑުވާނެއެވެ. ސުވިޒަލޭންޑްގެ ފަރާތުން ކީޕަރު ޔެން ސޮމާ އާއި މެދުތެރޭގައި ހަރަކާތްތެރިވާ ޒާކާގެ ދައުރު ވަރަށް މުހިންމުވާނެއެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރެއްގެ މެދުގައި ކުޅެވޭ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެކަން ޔަގީނެވެ.




މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ސުވިޒަލޭންޑް ބައްދަލުކުރާއިރު، މީގެ ކުރިން މި ދެ ގައުމު ކުޅުނު މެޗުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާޖެންޓީނާ އޮތީ ވަރަށް ބޮޑު ކުރިއެރުމެއްގައެވެ. މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ގައުމު 7 ފަހަރު ބައްދަލުކޮށްފައިވާއިރު، އާޖެންޓީނާ ވަނީ 5 މެޗުން މޮޅުވެފައެވެ. އަދި ބާކީ 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސުވިޒަލޭންޑަށް މިހާތަނަށް އާޖެންޓީނާގެ މައްޗަށް އެއްވެސް މެޗަކުން ކުރިހޯދިފައެއް ނުވެއެވެ. މި 7 މެޗުގައި އާޖެންޓީނާއިން ޖުމްލަ 15 ގޯލު ޖަހާފައިވާއިރު، ސުވިޒަލޭންޑަށް ޖެހިފައިވަނީ އެންމެ 3 ގޯލެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި މި ދެ ގައުމު މީގެ ކުރިން ދެ ފަހަރު ބައްދަލުކުރިއެވެ. އެއީ 1966 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައާއި 2014 ވަނަ އަހަރުގެ ގަދަ 16 ގެ ބުރުގައެވެ. މި ދެ މެޗުންވެސް މޮޅުވީ އާޖެންޓީނާއެވެ.

ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ގައުމު ބައްދަލުކުރި ފޯރިގަދަ މެޗެވެ. އެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރޭގައި އެންހެލް ޑި މާރިއާ ޖެހި ލަނޑުން 1-0 އިންނެވެ. މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެ މެޗުގައި ހިމެނުނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ސުވިޒަލޭންޑްގެ ގްރޭނިޓް ޒާކާ އަދި ރިކާޑޯ ރޮޑްރިގޭޒް އެވެ.




އާޖެންޓީނާ އަދި ސްވި×ަލެންޑް ބައްދަލުކުރާ މެޗު ފެށޭނީ މާދަމާ ހެނދުނު 6:00 ގައިއެވެ.