ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2028 ގެ އިންތިހާބަށް ކޮންގްރެސް ޕާޓީ ނުކުންނާނީ އެއް ލައްކަ މެމްބަރުންނާއެކު: މުހައްމަދު އިސްމާއީލް

2028 ގެ އިންތިހާބަށް ކޮންގްރެސް ޕާޓީ ނުކުންނާނީ އެއް ލައްކަ މެމްބަރުންނާއެކު: މުހައްމަދު އިސްމާއީލް

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިމަތިލާނީ އެއް ލައްކަ މެމްބަރުންގެ ބޮޑު ލަޝްކަރަކާއެކު ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ މައުލޫމާތު ދިނުމަށް "އެމްއެމްޓީވީ" އިން ގެނެސްދިން ހާއްސަ ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕާޓީގެ އަމާޒަކީ ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލައްވާއިރު، ޕާޓީގެ ދަފްތަރު އެއް ލައްކައަށް ވުރެ މައްޗަށް ޖެއްސުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ 3،000 މެމްބަރުންނާއެކު އުފެއްދި ކޮންގްރެސް ޕާޓީގައި މިހާރު 74،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. މިއީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ މެމްބަރުން އިތުރުކުރުމުގެ ކާމިޔާބު ހަރަކާތްތަކުގެ ނަތީޖާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ޕާޓީގެ އަމާޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، "މިއަދު ރައީސް މުއިއްޒުގެ އިރުޝާދާއެކު އަޅުގަނޑުމެންގެ އަމާޒަކީ ޕީއެންސީން 2028 ގައި ދެވަނަ ދައުރަކަށް ކުރިމަތިލާއިރު އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން، އެ އަމާޒަށް ދެވޭނެކަމާއިމެދު ޝައްކެއް ނެތް،" ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް ބްރޭކް ތެރޭގައި މެމްބަރުން އިތުރުކުރުމުގެ އާ ހަރަކާތްތަކެއް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ އަމަލާއި ބަސް ދިމާވާ ލީޑަރެއް ކަމަށާއި، އެމަނިކުފާނު ގައުމާއި ރައްޔިތުންގެ ލާބަޔަށް ކުރައްވާ މަސައްކަތްތަކަކީ ދިވެހި ތާރީހުގައިވެސް ނުދެކޭ ފަދަ ވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ރައްޔިތުން ޕާޓީއާ ގުޅެމުންދަނީ އެ ސިޔާސަތުތައް ބަލައިގަންނާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުކިޔުއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، އިދިކޮޅުގައި ތިއްބެވީ ހަމައެކަނި ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ، އަމަލާއި ބަސް ދިމާނުވާ ލީޑަރުންތަކެއް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒަކީ ރައްޔިތުން އިތުބާރުކުރާ، ނަތީޖާ ދައްކަވާ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.