ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން ގައުމަށް ބަދަލުކުރުމުގެ އެއްބަސްވުންނިންމަނީ
ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ގައިދީން، އެމީހުންގެ އިންސާނީ ކަރާމާތް ހިފެހެއްޓޭނެ ގޮތެއްގެ މަތިން ބާކީ އޮތް ހުކުމުގެ ބައި ފުރިހަމަކުރުމަށް އަމިއްލަ ގައުމަށް ފޮނުވާލުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ އެއްބަސްވުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ހަގީގަތަކަށް ހެދުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ މުއައްސަސާތަކުން ގާތުން މަސައްކަތް ކުރަމުންދާއިރު، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް ރަސްމީކޮށް ސޮއިކޮށް އަމަލުކުރަން ފަށާނެ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިފަދަ އެއްބަސްވުމެއްގެ މަސައްކަތް ނިމެމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތަކާއި ހާލަތު ދެނެގަތުމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ވަނީ މާފުށީ ޖަލަށް ޚާއްސަ ޒިޔާރަތެއް ކުރައްވާފައެވެ.
Ads by BMLމި ޒިޔާރަތުގައި އެ ގައުމަށް ނިސްބަތްވާ 44 ގައިދީއަކާ ވަފުދުގެ ބޭފުޅުން ބައްދަލުކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒު ކުރަމުންދާ 34 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބި 10 މީހެކެވެ.
އެ ވަފުދުން ވަނީ ޖަލުގައި ތިބި ކޮންމެ ގައިދީއަކާ ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކައި، އެމީހުންނަށް ލިބޭ ސިއްހީ ފަރުވާއާއި، ކާބޯތަކެއްޗާއި، އަންނައުނުގެ އިތުރުން ޖަލުގެ އާންމު ދިރިއުޅުމުގެ މާހައުލު ހުރި ގޮތް ވަރަށް ގާތުން އޮޅުންފިލުވާފައެވެ.
މި ބައްދަލުވުންތަކަށްފަހު ހައިކޮމިޝަނުގެ ވަފުދުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކޮށް، ގައިދީން ފާހަގަކުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށް، އެމީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލަސްނުކޮށް ފޯރުކޮށްދިނުމަށް އެދިފައެވެ.
ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވި ގޮތުގައި، ގައުމުން ބޭރުގައި އުޅޭ ބަންގްލަދޭޝްގެ ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ރައްކާތެރިކުރުމަކީ އެމީހުންގެ ވަރަށް ބޮޑު ޒިންމާއެކެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން އޮތީ ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި، ރައްކާތެރިކަމާއި، ގަދަރުވެރިކަން ކަށަވަރުކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތުވެގެން ދިގު މުއްދަތުގެ ހުކުމްތައް ޖަހާފައި ތިބި ގިނަ އަދަދެއްގެ ބަޔަކުވެސް ހިމެނެއެވެ.
Ads by MACL
