އެކްސިޑެންޓުގައި ނިޔާވި މީހާ ލޮރީގެ ދަށުވީ ސީދާ އުޅަނދުގައި ޖެހިގެން ނޫން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި
މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި ހިނގި ބިރުވެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވި ހާދިސާގައި، އޭނާ ލޮރީއެއްގެ ދަށުވާން މެދުވެރިވީ ސީދާ އެ އުޅަނދުގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެން ފުރާނަ ތޮޅެލި މި ހާދިސާގައި އެ މީހާ ވެއްޓެން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް ހާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
މި ނުރައްކާތެރި ހާދިސާގައި ނިޔާވެފައިވަނީ ހުޅުމާލޭގެ ގްރީންޕީކް (ގޯތި ނަންބަރު 20054) އަށް ނިސްބަތްވާ، އުމުރުން 39 އަހަރުގެ އިބްރާހީމް ނާޞިޙު އެވެ. އޭނާ ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:57 އެހައިކަންހާއިރު ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ލޮރީގެ ދަށަށް އޭނާ ދާން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލު ކަހާލައިގެން ކަމެއް ނުވަތަ އެހެން ކަމެއް ދިމާވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލައިގެ ފުންމިނަށް ވާސިލްވުމަށާއި، ހާދިސާ ދިމާވި ހަގީގީ ސަބަބު ހޯދުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމަކުން ދަނީ އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖްތައް ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
