އެކްސިޑެންޓްގައި ނާސިހު ލޮރީގެ ދަށުވީ އޯވަޓޭކް ކުރަން އުޅެނިކޮށް: ސީސީޓީވީ ފޫޓޭޖް
މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން 39 އަހަރުގެ ނާސިހު ނިޔާވީ، ސިނަމާލެ ބްރިޖުން ފައިބައިގެން އުސްފަސްގަނޑާ ދިމާލަށް ދަތުރުކުރި ބޮޑު ލޮރީ ކައިރިން އޯވަޓޭކް ކުރަން އޭނާ އުޅުމުގެ ތެރޭގައި އެ ވެހިކަލްގެ ދަށުވެގެން ކަމަށް ސީސީޓީވީ ފުޓޭޖު ފެނުނު ބައެއް މީހުން ބުނެފި އެވެ.
މި ހާދިސާ ދުށް މީހުން ކިޔައިދިން ގޮތުގައި، ހެލްމެޓް އަޅައިގެން ސައިކަލު ދުއްވަން އިން ނާސިހު މަސައްކަތް ކުރީ ލޮރީއާ އެއް ހަމައެއްގައި ދަތުރުކުރަމުންދިޔަ އެހެން ސައިކަލަކާއި ލޮރީއާ ދެމެދު އޮތް ވަރަށް ހަނި ޖާގައަކުން ދެމިގަނެގެން ކުރިއަށް އަރާށެވެ. ނަމަވެސް، އެ ސަރަހައްދުން ކުރިއަށްދާނެ އެކަށީގެންވާ ޖާގައެއް ނެތުމުން ކުއްލިއަކަށް ބުރަކި ޖައްސަން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ގޮސް، ހިލަ ބަރުކޮށްގެން ދިޔަ 30 ޓަނުގެ އެ ބޮޑު ލޮރީގެ މެދާ ހިސާބުން ދަށަށް އޭނާ ވެއްޓުނީ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ނާސިހު މަރުވާން މެދުވެރިވީ ބަރު މުދާ އުފުލާ ދިގު ޓްރެއިލާ ލޮރީގެ ދަށުވެގެން ކަމަށް ވިޔަސް، އެއީ ލޮރީގައި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ނާސިހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
Ads by MACL
