ސެމީގެ މެޗުތައް އިންސާފުވެރިވާނެ؛ މި މެޗުތަކަށް ހަމަޖެއްސީ މުބާރާތުން ކެޓި ގައުމުތަކުގެ ރެފްރީން: ފީފާ
ފީފާއިން ހާމަކުރި ގޮތުގައި މިއީ އެއްވެސް ރެފްރީއަކާ މެދު އެޅި ފިޔަވަޅެއް ނޫނެވެ. މިއީ މުބާރާތުގެ ފަހު މަރުހަލާގެ މެޗުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށާއި، މަސްލަހަތު ފުށުއަރާފާނެ އެއްވެސް ހާލަތަކުން ދުރުވުމަށް ފީފާއިން އާންމުކޮށްވެސް އަމަލުކުރާ މިންގަނޑެކެވެ. ފީފާގެ އުސޫލުތައް ބުނާގޮތުން، ރެފްރީއަކަށް އޭނާގެ އަމިއްލަ ގައުމު ހިމެނޭ މެޗުތަކުގައި އިންސާފެއް ނުކުރެވޭނެއެވެ.
މުބާރާތުގައި މިހާރު ބާކީ އޮތީ އެންމެ ހަތަރު ޓީމު ކަމަށްވުމާއެކު، ފީފާގެ ރެފްރީސް ކޮމިޓީން މިހާރު ވަނީ ސެމީ ފައިނަލް މެޗުތަކަށް ހޮވާ ރެފްރީންގެ ޕޫލް ކުޑަކޮށްފައެވެ. އެގޮތުން މިހާރު ހޮވާނީ މުބާރާތުން ކަޓާފައިވާ ގައުމުތަކުގެ ރެފްރީން އެކަންޏެވެ. މިއީ ކުޅުންތެރިންނާއި، ކޯޗުން އަދި ސަޕޯޓަރުންގެ މެދުގައި މެޗުތަކުގެ ނަތީޖާއާ މެދު އިތުބާރު ބޮޑުކުރުމަށް ކުރާ ކަމެކެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ މުބާރާތުގައި ބާކީ ތިބި ގައުމުތަކުގެ ރެފްރީން ފީފާއިން "ވަކިކުރީ" ކަމަށެވެ. ނަމަވެސް ފީފާއިން ބުނީ އެއްވެސް ރެފްރީއަކު ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައި ނުވާނެ ކަމަށެވެ. އެ ރެފްރީންނަށް މެޗުތައް ނުދެނީ ހަމައެކަނި ވަކި ފަރާތަކަށް ޖެހިދާނެ ކަމުގެ އިހުސާސްވެސް ނައްތާލުމަށެވެ. އެ ރެފްރީން ނިސްބަތްވާ ގައުމުތައް މުބާރާތުން ކެޓުމުން، މަސްލަހަތު ފުށުނުއަރާ މެޗުތަކަށް އެ ރެފްރީން ހޮވުމުގެ ފުރުސަތު އަލުން ހުޅުވޭނެއެވެ.
ރެފްރީން ހޮވުމުގައި ފީފާއިން ހަމައެކަނި ގައުމަށް ނުބަލާނެއެވެ. އޮފިޝަލުން ހޮވުމުގައި ބަލާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި: މެޗުތަކުގައި ނިންމުންތައް ނިންމާފައިވާ ސައްހަކަން، ޖިސްމާނީ ދުޅަހެޔޮކަން، ބައިނަލްއަގުވާމީ ތަޖުރިބާ އަދި ޕްރެޝަރު ބޮޑު މެޗުތައް މެނޭޖްކުރުމުގެ ގާބިލްކަން ހިމެނެއެވެ.
ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ ރެފްރީންގެ މިނިވަންކަމާއި މެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ "ރެފްރީން ހަމަޖެއްސުމާއި ނިންމުންތައް ބިނާވެފައިވަނީ ޕްރޮފެޝަނަލް އިވެލުއޭޝަންތަކުގެ މައްޗަށް" ކަމަށާއި، ވަކި ޓީމަކަށް މޮޅުކޮށްދޭން އެއްވެސް ރެފްރީއަކަށް އަންގާފައި ނުވާނެ ކަމަށެވެ. މި އުސޫލުތަކުގެ ބޭނުމަކީ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅޭ މެޗުތަކަކީ ހަމައެކަނި ދަނޑުމަތީގައި ދައްކާ ކުޅުމުން ނަތީޖާ ނުކުންނަ މެޗުތަކަކަށް ހެދުމެވެ.
Ads by MACL
