ޔަމަނާއި ސައުދީގެ މަޝްރަހު ހޫނުވެއްޖެ: ހޫޘީން ސައުދީ އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ނައްތާލާފައިވާ ކަމަށް ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސުން ހޯމަ ދުވަހު ބުނެފިއެވެ.
އަލް އަރަބިއްޔާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް މަސްރަހު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ހޫނުވެފައެވެ.
ހޫޘީން ސައުދީއަށް މިސައިލް ހަމަލާ ދީފައި މިވަނީ، ހޯމަ ދުވަހު ޔަމަނުގެ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ސައުދީން ހަމަލާދީފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކުރުމަށްފަހުއެވެ. ސަންޢާގައި ހުންނަ ޔަމަނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ނިމުން އައިސް، ހަނގުރާމައިގެ އާ މަރުހަލާއެއް ފެށުނު ކަމުގެ ނިޝާނެކެވެ. ނަމަވެސް، ސަންޢާ އެއާޕޯޓަށް ހަމަލާދިން ކަމުގެ އެއްވެސް ހެއްކެއް ހޫޘީން މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ޔަމަނުގެ ހަތިޔާރު އެޅި ބާރުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ، ސައުދީގެ އުދުވާނަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމަށެވެ.
"ސައުދީން މިވަނީ މަސްލަހަތު ފިނިކުރުމުގެ މަރުހަލާ ނިމުމަކަށް ގެނެސްފައި، މީގެ ސަބަބުން ކުރިމަތިވެދާނެ ހުރިހާ ނަތީޖާއެއްގެ ޒިންމާ އެ ގައުމުން އުފުލަން ޖެހޭނެ،" ޔަހްޔާ ސާރީ ވިދާޅުވިއެވެ.
މީގެ އިތުރުން ޔަމަނުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވަނީ ސައުދީން ޔަމަން ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުން ދެމެހެއްޓުމަށް އެމެރިކާގެ އެހީތެރިކަމާއެކު މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
އަންސާރުﷲ ހަރަކާތުގެ ސިޔާސީ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަންޢާ އެއާޕޯޓަށް ބޮން އެޅީ ސަރުކާރުގެ ވަފުދު އެނބުރި ގައުމަށް އައުން ހުއްޓުވުމަށް ކަމަށާއި، ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. މި ހަމަލާއަކީ ޔަމަނުގެ އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގި އަމަލެއްގެ ގޮތުގައި އެ ޖަމާއަތުން ސިފަކުރެއެވެ. އަދި މި އުދުވާނީ ހަމަލާއަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ޔަމަނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ޔަމަނުގެ މަތީ ފަންތީގެ މަސްދަރަކުން އިންޒާރު ދީފައިވާ ގޮތުގައި، ސައުދީން ކުރާ ކޮންމެ އަމަލެއްގެ ނަތީޖާ އެ ގައުމުގެ އިގްތިސާދާއި، އެއާޕޯޓުތަކާއި ބަނދަރުތަކަށް އުފުލަން ޖެހޭނެއެވެ. އަދި ސައުދީގެ އިސްވެރިންނަށް އެމީހުންގެ އެޖެންޓުންގެ ފަހަތުގައި ފިލައި ނުތިބެވޭނެ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ޔަމަނުގައި އޮތް ނިސްބަތުން އަމާން ދުވަސްވަރު ނިމުމަކަށް އައިސް، ހަނގުރާމަ އަލުން ވަރުގަދަވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
އދ. މެދުވެރިވެގެން 2022 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު މަސްރަހު ކޮންމެވެސް ވަރަކަށް ފިނިވެފައި އޮތް ނަމަވެސް، މި ފަހުގެ ކުރިމަތިލުންތަކުގެ ސަބަބުން އެ ސުލްހަ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ސަރަހައްދީ ގައުމުތަކުން މިހާރު ދަނީ މި ނުތަނަވަސް ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރަމުންނެވެ.
Ads by MACL
