ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

ރައީސް މުއިއްޒާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހިއްސާކުރުމަށް ހުޅުވާލި ޚާއްސަ ފުރުސަތުގެ ދަށުން، ނަން ނޯޓުކުރުމުގެ ކަންކަން ރައީސް އޮފީހުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

"ރައްޔިތުންގެ އަޑު" ގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާ ބައްދަލުވުންތަކަކީ އާންމުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައީސްއާ ބައްދަލުކުރެވޭނެ މަގު ފަހިކޮށްދިނުމަށް މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހަތަރު ދާއިރާއެއްގެ ރައްޔިތުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، ހޯރަފުށި ދާއިރާގެ އިތުރުން ހުޅުދޫ ދާއިރާއެވެ. މި ދާއިރާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވާން އެދޭ މީހުންނަށް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ނަން ހުށަހެޅޭނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓުކުރުމަށް ދީފައިވާ ސުންގަޑިއަކީ ކުރިއަށް އޮތް ބުދަ ދުވަހުގެ ރޭގަނޑު 12:00 އެވެ. މި ބައްދަލުވުންތައް ކުރިއަށްދާނެ އުސޫލާއި ތަފްސީލުތައް ވެސް މިހާރު އެ ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއީ ރައްޔިތުންގެ އަޑު ސީދާ އެމަނިކުފާނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ޖޫން މަހުގެ ފަހުކޮޅު ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވި ވައުދެއްގެ ފެށުމެވެ. ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކޮންމެ ހަފުތާއަކުވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް އާންމުންނާ ބައްދަލުކުރެއްވުމަށް ޚާއްސަކުރައްވާނެ ކަމަށެވެ.

ވަކިވަކި ދާއިރާތަކުން ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމާލުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް މިފަދަ ބައްދަލުވުންތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެއެވެ.