ކުނި މެނޭޖްކުރުމުގެ ނަމުގައި ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގީ ބޮޑު ޖަރީމާއެއް: މެންބަރު ޝުޖާއު
ކުރީގެ އެމްޑީޕީ ސަރުކާރުތަކުގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ބޭނުންކޮށްފައިވަނީ އެ ޕާޓީގެ އިސްވެރިންގެ އަމިއްލަ ކުންފުނިތަކަށް ނާޖާއިޒު މަންފާ ހޯދައިދޭ "ވައްކަން ކުރާ ސެންޓަރެއްގެ" ގޮތުގައި ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، 2013 ވަނަ އަހަރުގެ ކުރިން އެމްޑީޕީން ވެރިކަން ކުރިއިރު ތިމާވެށީގެ ނަމުގައި ހިންގާފައިވަނީ ހަމައެކަނި ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށެވެ. އެގޮތުން އެ ޕާޓީގެ ޗެއަރޕާސަން ފަދަ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކުންފުނިތަކަށް ފައިދާ ހޯދައިދިނުމަށްޓަކައި، ދުވާލަކު 10،000 ރުފިޔާއަށް އެކްސްކަވޭޓަރުތަކާއި، ދުވާލަކަށް 25،000 ރުފިޔާގެ ރޭޓުން ލޭންޑިންގ ކްރާފްޓްތައް ކުއްޔަށް ހިފާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބޮޑެތި ހޭދަތަކެއް ސަރުކާރުގެ ބަޖެޓުން ކުރަމުންދިޔައިރުވެސް މާލޭގެ މަގުތައް އޮތީ ކުނިން ފުރި، ގޮނޑުވެފައި ކަމަށާއި ކުނި ނައްތާލާނެ އެއްވެސް ހަރުދަނާ ސިޔާސަތެއް އޭރު އެ ބޭފުޅުންގެ ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި އެ ބޭފުޅުން އުޅުއްވީ ތިމާވެށީގެ ހިމާޔަތުގައި އެންމެ އިސްކޮށް އުޅުއްވާ "ބައްޕަ" އިންނަށް ވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLޝުޖާއުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުނީގެ މައްސަލައަށް ހަގީގީ ހައްލެއް ހޯދުމުގެ އަމަލީ މަސައްކަތް ފެށުނީ 2013 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ވެމްކޯ އުފެއްދެވި ހިސާބުން ކަމަށް ވިދާޅުވިއެވެ. އަދި އޭރު ދިވެހި ޒުވާނުން ނެރެގެން މާލެ ސާފުކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، 2018 ގައި އެމްޑީޕީ އަލުން ވެރިކަމަށް އައުމަށްފަހު ވެމްކޯގެ އޮޕަރޭޝަންތައް ބޭރު މީހުންނާ ހަވާލުކޮށް މުޅި ނިޒާމު ސުންނާފަތިކޮށްލި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ތިލަފުށީގެ ހާލަތަށް އަލިއަޅުވާލައްވަމުން ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު ތިލަފުށި ދޫކޮށްލާފައި އޮތީ ގަވާއިދާ ހިލާފަށް ވަގަށް ކުނި އަޅާ ސަރަހައްދެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން އެ ރަށުގެ މަގުތައް ގުޅުވާލައި، ސީސީޓީވީ ކެމެރާ ހަރުކޮށްގެން މުޅި ސަރަހައްދު 24 ގަޑިއިރު މޮނިޓާ ކުރަން ފެށުމުން، ވަގަށް ކުނި އެޅުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމުގެ ނަމުގައި ރައްޔިތުންގެ އަތުން ފައިސާ އަތުލުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނުވާ ކަމަށާއި، އޭގެ ހެކިބަހަކީ ކޮތަޅުން ދެ ރުފިޔާ ނެގުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން އީޕީއޭ އާއި ޔުޓިލިޓީ އޮތޯރިޓީގެ ޒިންމާތައް ސާފުވެ، ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވެ ޝުޖާއު ވާހަކަފުޅު ނިންމާލެއްވިއެވެ.
Ads by MACL
