ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. ކަނޑުއޮތްގިރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސްގެ އިތުރުން، ފިޝަރީޒް މިނިސްޓްރީއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ކަނޑުއޮތްގިރީގައި މި ފެސިލިޓީތައް ގާއިމުކުރުމަކީ އެ ކުންފުނީގެ ލޯކަލް ޕްރޮޑަކްޓްތައް ނުވަތަ ދިވެހި އުފެއްދުންތައް ފުޅާދާއިރާއެއްގައި ބާޒާރަށް ނެރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޚާއްޞަކޮށް މާލެ ސަރަހައްދުގައި މިފަދަ ޚިދުމަތެއް ފެށުމާއެކު، މާލެއާއި ހުޅުމާލޭގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ސަޕްލައިކުރުމުގައި މިހާތަނަށް ދިމާވަމުން އައި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ކަނޑުއޮތްގިރި ފިޝް ވިލެޖުގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، ދެެހެނިހެން މަސްވެރި އުފެއްދުންތައް އުފެއްދުމުގެ ގާބިލުކަން ވެސް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.