ވޯލްޑް ކަޕް 2026: ފްރާންސް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް
ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވަރުގަދަ ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗަކީ ޔޫރަޕްގެ ދެ ބާރުގެ މެދުގައި ފެނިގެންދިޔަ ފޯރިގަދަ ކުރިމަތިލުމެކެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ސްޕެއިނަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބާލް އެވެ. މި ޕެނަލްޓީއަކީ ސްޕެއިންގެ ލަމީން ޔަމާލްއަށް ފްރާންސްގެ ލޫކަސް ޑީން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ސްޕެއިންގެ ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރޯ ޕޯރޯ އެވެ. މިއީ އޭނާ މި ފަހަރުގެ ވޯލްޑް ކަޕްގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
ފްރާންސުން މި މެޗަށް ނުކުތީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުމުގެ ތާރީހީ ޝަރަފު ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް ސްޕެއިންގެ ވަރުގަދަ ޑިފެންސާއި ޓެކްޓިކަލް ކުޅުމުގެ ކުރިމަތީގައި ފްރާންސްގެ އެޓޭކްތައް ވަނީ ނާކާމިޔާބުވެފައެވެ. ހާއްސަކޮށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ސްޕެއިންގެ ކީޕަރު އުނައި ސިމޮން އާއި ޑިފެންޑަރު މާކް ކުކުރެޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
Ads by BMLމި މެޗުގައި ފްރާންސަށް ކުރިމަތިވި އަނެއް ގޮންޖެހުމަކީ އެޓީމުގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. އަދި ދެވަނަ ހާފުގައި ސްޕެއިންގެ ޔަމާލް ޖެހި ލަނޑެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި ކެންސަލްކޮށްފައެވެ.
މިއީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ސްޕެއިން ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ މުބާރާތްތަކުގައި ސްޕެއިނަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު، މި ފަހަރުގެ ކާމިޔާބީއާއެކު އެޓީމުން ވަނީ އަލުން ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އުހަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.
ފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މާދަމާ ރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.
Ads by MACL
