82 ރަށުގެ ފެނާއި ނަރުދަމާ 2028 ގެ ކުރިން ނިންމައި، އަސާސީ ޚިދުމަތް މުޅި ރާއްޖެއަށް ކަށަވަރުކުރަނީ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން، މިހާތަނަށް އެ ހިދުމަތް ނެތް 82 ރަށެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ މި ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ބިޔަ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 152 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާއިރު، 143 ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ނިޒާމުތަކުގެ ފެންވަރު މަތިކޮށް އަޕްގްރޭޑްކުރުމަށްޓަކައި 3.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ބޭނުންވާ އިރު، އެ މަސައްކަތްތައްވެސް ހުއްޓުމެއްނެތް ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރެއެވެ.
Ads by BMLއާބާދީ ބޮޑު މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައިވެސް އާދަޔާ ހިލާފު ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ފެން އުފައްދާ މިންވަރު އިތުރުކުރުމަށް 5,000 ޓަނުގެ އާރޯ ޕްލާންޓެއްގެ މަސައްކަތް ނިންމާފައިވާއިރު، އިތުރު 5,000 ޓަނުގެ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އަދި ފެން ރައްކާކުރާ މިންވަރު އިތުރުކުރުމަށް މާލޭގައި 26,000 ޓަނުގެ ސްޓޯރޭޖް ޓޭންކެއް އަދި ހުޅުމާލޭގައި 13,000 ޓަނުގެ ޓޭންކެއް އެޅުމުގެ މަސައްކަތުގެ އިތުރުން، ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ އަމަލީ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ.
މި ހުރިހާ މަޝްރޫއުތަކެއް ހަލުވިކަމާއެކު ކުރިއަށް މިދަނީ، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރު ތަސްދީގުކުރެއްވި ގާނޫނީ އިސްލާހާ އެއްގޮތަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް މުޅިން ނިންމައި، ރައްޔިތުންނަށް އެ ހިދުމަތް ރަސްމީކޮށް ދޭން ފެށުމެވެ.
Ads by MACL
