ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލުމާ ގާތަށް: މި މަހުގެ ނިޔަލަށް ފިނިޝިން ނިމޭނެ

މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލުމާ ގާތަށް: މި މަހުގެ ނިޔަލަށް ފިނިޝިން ނިމޭނެ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "މީޑިއާ ވިލެޖު"ގެ ހުރިހާ މަސައްކަތްތަކެއް މި ހިނގާ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިއީ ދިވެހި މީޑިއާތަކަށް ދިމާވެފައިވާ އޮފީސް ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ "މަންހަޓަން ގްރޭންޑް" ހޮޓަލުގެ ގްރައުންޑް ފްލޯގައި ގާއިމުކުރާ މި ވިލެޖުގެ މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތަކެވެ. އަދި މި މަސައްކަތްތައް ނިމުމުން، ކަނޑައެޅިފައިވާ ތާރީހަށް މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިން ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ފެށި އިމާރާތެކެވެ. ނަމަވެސް، މިހާރުގެ ޕްލޭނާ އެއްގޮތަށް މީޑިއާ ވިލެޖުގެ އިތުރުން ޒުވާނުންނަށް ހާއްސަ ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއްވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ޖުމްލަ 34 ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މީޑިއާ ވިލެޖުން މީޑިއާތަކަށް ފުރުސަތުތައް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދުތެރޭގައެވެ.

މީޑިއާތަކަށް ހާއްސަ ވިލެޖެއް ބިނާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ވައުދެކެވެ.