މީރާގެ އާ ކޮމިޝަނަރު ޖެނެރަލަކަށް ފާތިމަތު އަމީޒާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް ވެރިޔާގެ މަޤާމަށް، އެ އިދާރާގެ މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނިންމުން ފާސްވެގެންދިޔައީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފެށުނީ، ކުރިން ކޮމިޝަނަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާއެކު، ހުސްވި މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ބޭފުޅެއްގެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައެވެ.
Ads by BMLސަރުކާރުން މަޖިލީހަށް ހުށަހެޅި ދެ ނަމަކީ ގދ. ގައްދޫ ކޯޒީރައުންޑް ފާތިމަތު އަމީޒާގެ އިތުރުން ހއ. ތަކަންދޫ ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އެވެ. މީގެ ތެރެއިން މުޙައްމަދު ހަލީމަކީ އެކައުންޓިން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ، އަދި ސީއޭ މޯލްޑިވްސްގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މަޤާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިން އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި، ޓެކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ދެ ބޭފުޅުންނާ އިންޓަވިއުކޮށް ރިޕޯޓެއް އެކުލަވައިލާފައެވެ.
އެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި، މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ނިންމާފައިވަނީ މީރާގެ އެންމެ އިސް ވެރިޔަކަށް އަމީޒާ އައްޔަންކުރުމަށެވެ.
Ads by MACL
