ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިން ވިއްކަމުން އައީ މަހަކަށް 20 މިލިއަން ޑޮލަރު، މިހާރު 80 މިލިއަން ޑޮލަރު: ސީއީއޯ ޝަރީފް

ކުރިން ވިއްކަމުން އައީ މަހަކަށް 20 މިލިއަން ޑޮލަރު، މިހާރު 80 މިލިއަން ޑޮލަރު: ސީއީއޯ ޝަރީފް

ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 2021ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކު 21މިލިޔަން ޑޮލަރު. މިއަހަރު މިދަނީ 80 މިލިޔަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން ކަމަށް ބީއެމްއެލްގެ ސީއީއޯ  މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ އިޤްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއްކަމަށެވެ. ބީއެމްއެލްއާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކުން ބޭންކަށާއި، ރާއްޖޭގެ އިޤްތިސާދަށް ފޫނުބެއްދޭވަރު ގެއްލުންލިބުން އެކަށީގެންވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، އެ ބޭންކުގައި ރައްޔިތުންނަށް އެހީވުމުގެ ގާބިލުކަން ނެތްކަމަށާއި، ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަކީ ބޭކާރު ޚަރަދެއްކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބީއެމްއެލްއިން ބައިވެރިވެގެން ނުވާނެކަމަށްބުނެ ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ވާހަކަ ފަތުރަމުންނެވެ.

ބީއެމްއެލްގައި ޑޮލަރު ނެތްކަމަށްބުނެ ފަތުރާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021ވަނަ އަހަރު ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 21 މިލިޔަން ކަމަށެވެ. އެއާ ޚިލާފަށް މިއަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ވިއްކަމުންދާކަމަށް ވިދާޅުވިއެވެ.

ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ ބޭކާރު ޚަރަދެއްކަމަށްބުނެ ފަތުރާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ބްރާންޗުތަކާއި، އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ގާއިމުކުރީ އެ ޚިދުމަތްތަކަށް ރައްޔިތުން މެދުކެނޑުމެއްނެތި އެދެމުންދާތީކަމަށެވެ.

"ރަށްރަށުގައި އޭޓީއެމްތަކާއި ބްރާންޗުތައް ގާއިމުކުރީ އެރަށްރަށުގެ ރައްޔިތުން މެދުނުކެނޑި އެ ޚިދުމަތްތައް ބޭނުންވާކަމަށް ބުނަމުންދާތީ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ތިބޭ ފަރާތްތަކަށްވެސް ބޭންކިންގެ ޚިދުމަތްތައް ލިބެންޖެހޭ. އެއީ ބޭކާރު އިންވެސްޓްމެންޓެއްނޫން. އެއީ ބޭންކުގެ ޒިންމާއެއް." ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބޭންކުން މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ 6 މަހު އެކަނިވެސް 8 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.