41 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޚިދުމަތްތެރިންގެ ތެރެއިން 66 ބޭފުޅަކަށް ދައުލަތުގެ ޝަރަފުގެ އިނާމު ދެނީ
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ 66 ބޭފުޅަކަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ފަހަރު މި ޝަރަފު ލިބިވަޑައިގަންނަވަނީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެއްވެސް އިނާމެއް ލިބިވަޑައިގެންފައި ނުވާ ފަރާތްތަކަށެވެ.
މި ބޭފުޅުން ހޮވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފަރާތްތަކުގެ ރެކޯޑުތައް ހޯދައި ބެލުމަށްފަހު، އިނާމާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. އޭގެ ފަހުން ކޮމިޓީން އެ މައުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރުމަށްފަހު ޝަރުޠު ހަމަވާކަން ވަނީ ކަށަވަރުކޮށްފައެވެ.
Ads by BMLދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދޭން ފެށި ފަހުން، ވަކި މުއްދަތެއްގެ ޚިދުމަތް ފުރިހަމަކޮށްފައިވާ ބޭފުޅުންގެ ނަންތައް ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވައެވެ. މީގެ ކުރިން 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ނަންތައް ފޮނުއްވައި، އެ ފަރާތްތަކަށް ވަނީ މިހާރު އިނާމު އަރުވާފައެވެ.
މީގެ އިތުރުން، މިއަހަރު ޢާންމުކޮށް ހުޅުވާލައިގެން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމަށް ދިން މުއްދަތު މިދިޔަ ޖޫން މަހުގެ 11 އަށް ހަމަވިއިރު، ޖުމްލަ 130 ފޯމު ވަނީ ލިބިފައެވެ.
ކޮމިޓީން މި ފޯމުތައް ބަލައި، އިންޓަވިއުތައް ނިންމުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
Ads by MACL
