ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ރައީސް، އަދި ނައިބު ރައީސް ތިއްބެވީ ގަދަކޮށް އާޖެންޓީނާއާއި މެސީއާއިއެކު!

ރާއްޖޭގެ ރައީސް، އަދި ނައިބު ރައީސް ތިއްބެވީ ގަދަކޮށް އާޖެންޓީނާއާއި މެސީއާއިއެކު!

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ފޯރި މުޅި ދުނިޔޭގައި ގަދަވެފައިވާއިރު، ދިވެހިރާއްޖޭގައި ވެސް މި ފޯރި އޮތީ އިންތިހާގައެވެ. މިފަހަރުގެ ވޯލްޑްކަޕާ ދިމާކޮށް ދިވެހި ސަޕޯޓަރުން އެކި ޓީމުތަކަށް ސަޕޯޓުކުރަމުންދާއިރު، ރާއްޖޭގެ އެންމެ މަތީ ވެރިން ވެސް ތިއްބެވީ މި ފޯރީގައި ބައިވެރިވެވަޑައިގެންނެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަކީ ވެސް ފުޓްބޯޅައަށް ލޯބިކުރައްވާ، ވަކި ޓީމަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ވެސް މިހާރު ހިނގަމުންދާ ވޯލްޑްކަޕުގައި ފާޅުގައި ސަޕޯޓު ކުރައްވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ހިމެނޭ އާޖެންޓީނާ ޓީމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ޒަމާނުއްސުރެ އާޖެންޓީނާއަށް ސަޕޯޓުކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެކި މުނާސަބަތުތަކުގައި އާޖެންޓީނާގެ ކާމިޔާބީއަށް އެދިވަޑައިގެން، އެ ޓީމަށް އޮތް ލޯބި ހާމަކުރައްވާފައެވެ.

ހަމައެއާއެކު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަކީ ވެސް ފުޓްބޯޅައިގެ ތެރޭގައި އުޅުއްވާ، ކުޅިވަރަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅަކަށް ވާއިރު، އެމަނިކުފާނުގެ ފޭވަރިޓް ޓީމަކީ ވެސް ހަމަ އާޖެންޓީނާއެވެ.

އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ އެންމެ 12 އަހަރުފުޅެވެ. ތުއްޕުޅު އިރުން ފެށިގެންވެސް ކުޅިވަރުގައި ޝާމިލް، ފުޓުބޯޅައަށް ޙާއްސަ އިސްކަމެއްދެއްވިއެވެ.

މެޗުތައް ބެއްލެވުމުގެ އިތުރުން، މި ކުޅިވަރު ކުޅުއްވުމުގައިވެސް ހުނަރުވެރިއެވެ. ސްޓްރައިކަރެއްގެ ގޮތުގައި މިއަދުވެސް ވެޓެރަންސް ލީގުގައި ކުޅުއްވަމުން ގެންދަވާ، އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފަކީ، ހަމަ ހަގީގަތުގައިވެސް "ފުޓުބޯޅަ ފޭން" އެކެވެ.

ގަވައިދުން ހުރިހާ މެޗެއް ނުބެއްލެވުނު ނަމަވެސް، ވަގުތުވެވަޑައިގެންނެވި މިންވަރަކުން، ކުޑައިރުއްސުރެ ހިތުގައި ޙާއްސަ މަގާމެއް ދެވިފައިވާ މި ކުޅިވަރަށް ވަގުތު ހޯއްދެވޭތޯ ބައްލަވައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026އަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ކަވަރޭޖުގެ ޕްރެޒެންޓަރުންނާއި އެނަލިސްޓުންގެ އަގުވަޒަންކުރުމަށް ބޭއްވި ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ނައިބުރައީސްގެ ވަޑައިގެން ދެއްވުން މިއީވެސް، މި ކުޅިވަރާ އެމަނިކުފާނާ ގުޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މި ދެ ބޭފުޅުން އާޖެންޓީނާއަށް ސަޕޯޓުކުރައްވާކަން ހާމަވުމާއެކު، ރާއްޖޭގައި ތިބި އާޖެންޓީނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ދެ ބޭފުޅުންގެ ސަޕޯޓާ ގުޅޭގޮތުން ދިވެހިން ދަނީ ވާހަކަދައްކަމުންނެވެ.

ކޮންމެއަކަސް، ރާއްޖޭގެ އެންމެ މަތީ ދެ ވެރިން ވެސް "މެސީ" އާއި "އާޖެންޓީނާ" އާއެކު ގަދަކޮށް ތިއްބެވުމަކީ، މިފަހަރުގެ ވޯލްޑްކަޕުގެ ފޯރި ރާއްޖޭގައި އިތުރަށް ގަދަވެގެންދިޔަ ސަބަބެކެވެ. އާޖެންޓީނާގެ ކޮންމެ މެޗަކާއެކު، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ވެރިންގެ މެދުގައި ވެސް މި އޮތީ ފުޓްބޯޅައިގެ އުފާވެރި "ބަހުސްތަކާއި" ފޯރި ހިފާފައެވެ.