ބަންދުކޮށްފައި ހުރި ޑްރަގް ކެފޭއަކަށް ކޯޓު އަމުރާ ހިލާފަށް ވަން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީ މަރަދޫފޭދޫން ބަންދުކޮށްފައި ހުރި ގެއަކަށް، އެ އަމުރާ ހިލާފަށް ވަދެ އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ހުއްދައެއް ނެތި އެ ތަނަށް ވަދެ އުޅެނިކޮށް ހައްޔަރުކުރި މި ދެ މީހުންނަކީ ވެސް މަރަދޫފޭދޫއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އަހްމަދު ޝަރަތާއި، 37 އަހަރުގެ އާއިޝަތު ސަލީމެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
Ads by BMLމި މީހުން ވަދެ އުޅުނު މަރަދޫފޭދޫ 'އުއްމީދުގެ' އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަނަކަށް ވާތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތީގެ ހިދުމަތްދޭ "ކެފޭ" ތަކުގެ ގޮތުގައި ބޭނުންކުރާ މިފަދަ ތަންތަން ބަންދުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ދަށުން، މިދިޔަ ހަފުތާގައި ވެސް އައްޑޫގެ އިތުރު ދެ ގެއެއް ބަންދުކޮށްފައިވެއެވެ. އެއީ މަރަދޫ ބޯޅަދަނޑުގެ އާއި ހިތަދޫ ލާމިޔާގެއެވެ.
ފުލުހުން ބުނެފައިވަނީ ކޯޓު އަމުރުގެ ދަށުން ބަންދުކުރާ މިފަދަ ތަންތަނަށް ހުއްދަނެތި ވަދެނުކުމެ އުޅުމަކީ ކުށެއް ކަމަށެވެ. އަދި އަމުރާ ހިލާފަށް އެފަދަ ތަންތަނަށް ވަންނަ މީހުންނާއި ތަންތަނަށް ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Ads by MACL
