އަލްއަމަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިސްރާ އެސޯސިއޭޝަންގެ ރައީސް ތުރުކީއަށް ފުރާވަޑައިގެންފި
ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަލްއަމަލް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިސްރާ އެސޯސިއޭޝަންގެ ރައީސް އައްޝައިޚް ޙުސައިން އަންޞާރު މިއަދު ފުރާވަޑައިގެންފިއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 16 އިން 18 އަށް ތުރުކީގެ އިސްތަންބޫލުގައެވެ.
މި ދަތުރުފުޅަކީ ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިން (ޖީ.ސީ.ކިއު.ޕީ) އިން އިންތިޒާމުކޮށްގެން ބާއްވާ އަލްއަމަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ދުނިޔޭގައި ހިންގޭ އެންމެ ވަރުގަދަ އެއް ހަރަކާތްކަން ފާހަގަކުރެވެއެވެ.
މި ކޮންފަރެންސްގެ ތެރޭގައި ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިންގެ އިސްކޮމިޓީ ނުވަތަ އެކްސްކޯގެ ބައްދަލުވުންތަކުގައި ޝައިޚް ޙުސައިން އަންޞާރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ފަލަސްޠީނުގެ މައްސަލައާ ގުޅޭ އެކިއެކި ހަރަކާތްތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް މި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާނެއެވެ.
"މި ހަރަކާތުގެ އިސްވެރިންނާއެކު ބޭއްވޭ ބައްދަލުވުންތަކުގައި އަޅުގަނޑުމެން ބައިވެރިވާނަން. ފަލަސްޠީނުގެ ގަޟިއްޔާއަށް ކުރެވިދާނެ ކަންތައްތަކާއި، އެކަމަށް ކަނޑައެޅޭ މުއްދަތުތަކާ ބެހޭ މަޢުލޫމާތު މި ބައްދަލުވުންތަކުން ލިބިގެންދާނެ،" މި ދަތުރުފުޅާ ގުޅޭގޮތުން ޝައިޚް ޙުސައިން އަންޞާރު ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ފަލަސްޠީނާއި ދުނިޔޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ތަފާތު ފޯރަމްތަކާއި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފަލަސްޠީނުގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
Ads by MACL
