ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތައިލެންޑަށް ވިސާ ނުލައި ދިވެހިންނަށް ދެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން ނިންމައިފި

ތައިލެންޑަށް ވިސާ ނުލައި ދިވެހިންނަށް ދެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން ނިންމައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ލިބެމުންދިޔަ ވިސާގެ ލުއިތައް 15 ދުވަހަށް ކުޑަކުރަން ނިންމި ނިންމުން ބަދަލުކޮށް، ކުރިއަށް އޮތް ތަނުގައި 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެ ގައުމަށް އެތެރެވޭ ގޮތަށް ތައިލެންޑް ސަރުކާރުން ހަމަޖައްސައިފި އެވެ.

އެ ގައުމުގެ ކެބިނެޓުން މި އިސްލާހު ފާސްކުރީ ވިސާގެ އިނާޔަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. މީގެ ކުރިން 93 ގައުމަކަށް ދެމުންދިޔަ 60 ދުވަހުގެ ވިސާ އެކްޒެމްޕްޝަން އުވާލުމަށްފަހު، މިހާރު ވަނީ "ވަން ކަންޓްރީ، ވަން އެންޓައިޓްލްމަންޓް" އުސޫލުން ކޮންމެ ގައުމަކަށް ވެސް ވަކި ޚާއްސަ މުއްދަތެއް ކަނޑައަޅަން ނިންމާފަ އެވެ.

ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ޕްލޮއިޓަލޭ ލަކްސަމީސަންޗަން މައުލޫމާތު ދެއްވި ގޮތުގައި، މި އާ އުސޫލުގެ ދަށުން ޖުމްލަ 59 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ބޭނުމަށް 30 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ލިބޭނެ އެވެ. އަދި އަލަށް މި އިނާޔަތް އިތުރުކުރި ހަ ގައުމުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާ ހިމެނެ އެވެ.

ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ، 2024 ގައި ތައާރަފްކުރި 60 ދުވަހުގެ ދިގު ވިސާގެ ބޭނުން ހިފައިގެން އިންސާނީ ވަގު ވިޔަފާރި ކުރުމާއި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާއި، ކޯލް ސެންޓަރު ސްކޭމްތައް ފަދަ ޖަރީމާތައް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން މި ބަދަލުގެ މައިގަނޑު އަމާޒަކީ ހަމައެކަނި ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، ގައުމީ ސަލާމަތް ވަރުގަދަކޮށް "ކޮލިޓީ" ޓޫރިސްޓުންނަށް އިސްކަންދިނުމެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމުގެ ބޭނުމުގައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ގައުމަށް ވަންނަ އުސޫލު (ބޯޑަރު ރަންސް) ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. ދެން އެގޮތަށް އަހަރަކު ގިނަވެގެން އެތެރެވޭނީ ދެ ފަހަރު ކަމަށް ތައިލެންޑް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.