ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (16 ވަނަ ބައި)
"އި..ޝީ.." އުނދަގޫ ގޮތަކަށް އަޒާން ގޮވައިލިއެވެ. އަޒާންގެ އަޑު ކަންފަތުގައި ޖެހުމާއެކު އިޝްޔާއަށް ވެސް ހަމަބިމަށް އާދެވުނު ކަހަލައެވެ. ލަސްފިޔަވަޅުތަކެއްގައި އޭނާ އަޒާންއާ ދިމާއަށް މިސްރާބުޖެހިއެވެ. "ކެން ޔޫ ގިވް އަސް އަ މިނިޓް؟" ގާތުގައި ހުރި ފިޒިއޮތެރަޕިސްޓަށް ބަލައިލަމުން އާދޭހުގެ ރާގަކަށް އަޒާން ބުނެލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އޭނާ ބޯޖަހައިލުމަށްފަހު އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. "ހާއި އިޝީ.. ކޮޅަށްތަ ހުންނަނީ؟ މިތަނުގަ އިނށީދެލާބަ" ކުރިމަތީހުރި އެނދާ ދިމާއަށް އިޝާރާތްކޮށްލަމުން އަޒާން ބުނެލީ، އިޝްޔާ ބަހެއްވެސް ނުބުނެ ކޮޅަށް ހުންނަން ފެށުމުންނެވެ. އަޒާންއަށް ވަކި ޖަވާބެއް ނުދިނެއްކަމަކު އޭނާ ބުނިފަދައިން އިޝްޔާ ކަންތައްކުރިއެވެ.
"އެހާ ދުވަސްފަހުން އިޝީ ފެނުނީމަ ވަރަށް އުފާވެއްޖެ. ހައު އަރ ޔޫ ފީލިންގް؟ މިހާރު ރަނގަޅުތަ؟ ކޮންއިރަކުން ގެއަށް ދޫކޮށްލަނީ؟" މޫނުމައްޗަށް ހަމަޖެހުމުގެ އަސަރުތައް ވެރިކުރުވަމުން އަޒާން ވާހަކަދެއްކިއެވެ. ބަހެއްވެސް ނުބުނެ އެއިން ގޮތަށް އަޒާންގެ މޫނަށް ބަލަހައްޓައިގެން އިޝްޔާއަށް އިނދެވުނީއެވެ. އަދިވެސް ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައިވީ ކަހަލައެވެ.
Ads by BML
"ޒާން.. މި.. މީ.. ކިހިނެއް؟" ކުރަން ބޭނުންވި ސުވާލު އިޝްޔާއަކަށް ފުރިހަމައެއް ނުކުރެވުނެވެ. ކަރުނުން ދެލޯ ފުސްވުމާއެކު އޭނާއަށް އިސްޖަހައިލެވުނީއެވެ. އެއާއެކު އަޒާން ފުންނޭވާއެއް ދޫކޮށްލިއަޑު އިވުނެވެ. އަދި ނުހަނު ލޯބިން އިޝްޔާގެ ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައިގައި ހިފައި އޭނާ ބާރުކޮށްލިއެވެ.
"އައި އެމް ސޮރީ، އަހަރެން މިފަދަ ހާލަތެއްގަ އިޝީއާ ބައްދަލުކުރަން ޖެހުނީމަ. އެކަމަކު ތަޤުދީރުގެ ނިންމުމާ އަހަރެން ދެކޮޅުހަދާނީ ކިހިނެއް؟ އަހަރެންވެސް ކުޑަކޮށްވެސް އުއްމީދުކޮށްގެން ހުރި ކަމެއްނޫން މީ އިޝީ. އެކަމަކު މިއަދު މިކަން ގަބޫލުކުރުން ނޫން ގޮތެއް އަހަންނަކަށް ނެތް" އިޝްޔާގެ އަތްތިލައިގައި ފިރުމައިލަމުން އަޒާން ބުނެލީ ވޭނުން ފުރިގެންވީފަދަ ގޮތަކަށެވެ.
"ކީކޭތަ ޒާން ތި ކިޔަނީ؟ އަހަންނަކަށް ނުވިސްނުނު. ޒާން ކީއްވެތަ ތި ގޮނޑީގަ އިންނަން ޖެހުނީ؟ އަދިވެސް މުޅިން ރަނގަޅު ނުވަނީ ދޯ."
"އިޝީ.."
"ސިލީ މީ.. ހެހެ.. އަހަރެން ކިހާ މޮޔަ. އެންމެ ފުރަތަމަވެސް އެންމެ ނުބައި ގޮތަށް މި ވިސްނުނީ. އެހާ ބޮޑު އެކްސިޑެންޓެއްވީމަ ރަނގަޅުވާން ވެސް ވަގުތު ނަގާނު. އަހަންނަށް އެވަރު ނުވިސްނުނު ހެހެ. އަހަރެން ހީކުރީ ހަމަ އަސްލުވެސް ޒާން ނުކުޅެދޭ މީހަކަށްވީކަމަށް. އެހެންނުވާނީ، ތި ގޮނޑީގަ އިންތަން ފެނުނީމަ ނޭނގޭނު. ޒާން އަށް އެހާ ބޮޑު ގެއްލުމެއްވީނަމަ އަހަރެން ގާތު އެހެންމީހުން ވެސް ބުނާނު ދޯ ހެހެ.. ސޮރީ ޒާން.."
"އިޝީ.. އަހަންނަށް މި ގޮނޑިން ތެދުވެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް.. އިޝީއަށް ތިހީވީ މުޅިން ރަނގަޅަކަށް ނޫން.." މޮޔައެއްހެން ހެމުންދިޔަ އިޝްޔާއަށް ގޮވައިލަމުން އަޑަށް ބާރުލައިފައި އަޒާން ބުނެލިއެވެ. އެއާއެކު ވަގުތުން އިޝްޔާގެ ހުނުން މެދުކެނޑުނެވެ. ދެލޯބޮޑުކޮށްލަމުން އޭނާ އަޒާންއާ ދިމާއަށް ބަލައިލީ އެ ވާހަކަތައް ގަބޫލެއް ނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. "ޒާން ޕްލީޒް، ތީކީ ސަމާސަ ކުރަންޖެހޭކަހަލަ ކަންކަމެއް ނޫން. އަހަންނަށް އެނގޭ ތީ ދޮގެއްކަން. ދޯ... ބުނެބަލަ.. ތީ ދޮގެއް ދޯ.. ޒާން.. ކީއްވެ އެއްޗެއް ނުބުނެ ތިއިނީ.. ނުކުރާނަން ގަބޫލެއް.. ބުނޭ ތީ ދޮގެކޭ.. ޒާން.." އަޒާންގެ އަތުގައި ހިފައި އިޝްޔާ ތަޅުވައިގަތެވެ. އެހެނަސް ބަހެއްވެސް ނުބުނެ ފެންކަޅިވަމުންދިޔަ ދެލޮލުން އިޝްޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަޒާން އިނީއެވެ. އެނަޒަރުން އެތައް ވާހަކައެއް އިޝްޔާއަށް ބުނެދިން ފަދައެވެ. ހިންދިރުވައިލަމުން ދެފަރާތަށް އޭނާ ބޯހޫރާންފެށީ އެކަން ގަބޫލުކުރަން އަމިއްލަ ޟަމީރު ދެކޮޅުހަދަމުން ދިއުމުންނެވެ.
"އިޝީ.. ހަމަޖެހިބަލަ ޕްލީޒް.. އަހަރެން މި ދައްކާ ވާހަކަތައް އަޑުއަހާބަލަ" އިޝްޔާ އުޅެންފެށި ގޮތުން ކަންބޮޑުވެފައި އޭނާގެ އަތުގައި ހިފައިލަމުން އަޒާން ބުނެލިއެވެ. "ކީއްވެ އެންމެން އަހަންނަށް ސިއްރު ކުރީ.. އޯ ގޯޑް.. ޒާން.. ނޫން.. ނޫން.." އަޒާންއާ ހަތަރުކަޅި ހަމަވުމާއެކު އިޝްޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. އޭނާއަށް އިތުރަށް ކެތްނުވީކަހަލައެވެ. އަޒާންގެ އަތުގައި ހިފައި ބާރުކޮށްލައިގެން އިނދެ އެތައްއިރެއް ވަންދެން އިޝްޔާ ރުޔެވެ. އޭނާ ހަމައަކަށް އެޅެންދެން އެއަތުގައި ހިފަހައްޓައިލައިގެން އަޒާން އިނީ، އިޝްޔާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އިޝްޔާ މަޑުމަޑުން ހަމައަކަށް އެޅެން ފެށުމާއެކު، އިވެމުންދިޔަ ގިސްލުމުގެ އަޑުވެސް ފަނޑުވެލިއެވެ. އެއާއެކު އަޒާން މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. އަދި ޑޮކްޓަރުންގެ ފަރާތުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުތައް އިޝްޔާއާ ހިއްސާކުރިއެވެ. އެ ހުރިހައި ވާހަކަތަކެއް އަޑުއަހަން އިން އިޝްޔާގެ ދެލޯ އަނެއްކާވެސް ކަރުނުން ފުސްވާން ފެށިއެވެ. ރީތި ދިރިއުޅުމެއްގެ އެތައް ފޮނި ހުވަފެނެއް ދެކެމުންދަނިކޮށް ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟
"އަހަންނަށް ނުހިނގުމަކުން އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އިޝީ އަހަންނާއެކު ހުރިހާހިނދަކު އަހަންނަށް މި ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލްވީފަދަ. އިޝީއާ އެކުގަ ވިއްޔާ އަހަރެން މުޅި އުމުރު ދުވަސްވެސް މިގޮނޑީގަ އުފަލާއެކު ހޭދަކޮށްފާނަން. ބުނެބަލަ.. އިޝީ އަހަންނާއެކު އުމުރަށްވެސް ވާނަން ދޯ. އަހަރެން އިޝީދެކެ ވަރަށް ލޯބިވޭ. އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް. ތީ އަހަރެންގެ ހިތްވަރަކީ. އޭސް ލޯންގް އޭސް ޔޫ އަރ ވިތް މީ، އައި އެމް ހެޕީ. އެހެންވީމަ ދެން ނުރޮއެ. ތި ދެލޮލުން ކަރުނަ އަންނަތަން ދެކެން އަހަންނަކަށް ކެތެއްނުވޭ. ތީ އަހަރެންގެ އުފަލަކީ. އިޝީ ހިނިތުންވެފަ ހުރިއްޔާ އަހަރެން ވެސް ހުންނާނީ ހިނިތުންވެގެން." ނުހަނު ލޯބިން އިޝްޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން އަޒާން ފުހެލައިދިނެވެ. އަދި ފަނޑު ހިނިތުންވުމެއް އިޝްޔާއަށް ހަދިޔާކޮށްލިއެވެ. އެހެނަސް ހިނިތުންވާން ވެސް ނޭނގިފައި އިޝްޔާ އަށް އިނދެވުނީ އަޒާންގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ނުވިސްނިފައި ކަހަލައެވެ. ދެމެދަށް ވެރިވެގެންދިޔަ ހިމޭންކަމުން އަޒާން އަށް ކުރުވީ ބަޔާންކުރަންދަތި އިހުސާސެކެވެ. އެހެނަސް އިޝްޔާއަށް އެ ހުރިހައި ކަމެއް ގަބޫލުކުރަން ވަގުތު ބޭނުންވާނެކަން އަމިއްލަ ނަފުސަށް ވިސްނައިދެމުން އޭނާ ހަމަޖެހިލިއެވެ.
*****
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ގޮސް އަޒާންގެ ހާލަތު ރަނގަޅުވުމުން އޭނާ ގެއަށް ދިއުމުގެ ހުއްދަ ލިބުނެވެ. ހޮސްޕިޓަލުން ނުކުމެ ގެއަށް އާދެވުނު ފުރަތަމަ ދުވަހު އަޒާން އަށް ކުރުވީ ބަޔާންކުރަންދަތި އިހުސާސެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި އުމުރު ދުވަސް ހޭދަކުރަން ޖެހިފައިވިއަސް، އޭނާގެ މޫނުމަތިން އެ ހިތްދަތިކަން ފޮރުވާލަމުން އަޒާން ހިނިތުންވަމުންދިޔައީ އެހެން މީހުންގެ އިހުސާސުތަކާމެދުގައި ވިސްނޭތީއެވެ. ޚާއްސަކޮށް އިޝްޔާއަށް އޭނާ ހިތާމަކުރާވަރު ފެންނާކަށް އަޒާން ބޭނުމެއްނުވެއެވެ. އަޒާންގެ މޫނުން ފައުޅުވަމުންދިޔަ ހަމަޖެހުމުގެ އަސަރުތަކުން އިޝްޔާ ހައިރާންކުރުވިއެވެ. އެ ގޮނޑީގައި އަޒާންގެ ބަދަލުގައި އޭނާ އިންނަން ޖެހުނުނަމަ މޮޔަވީސްކަން ކަށަވަރެވެ. އެހެނަސް އަޒާން ކިހައި ހިތްވަރުގަދަ ހެއްޔެވެ؟އެކަމާ ގުޅިގެން ކުޑަވެސް ޝަކުވާއެއް ކުރާތީ އޭނާ އަޑެއްނާހައެވެ. މިންވަރާމެދުގައި ރުހިގެން ޝުކުރުކޮށްލައިގެން އޭނާ ކެތްތެރިވަމުން ދިޔައެވެ. ނަމަވެސް އަޒާން އެ ގޮނޑީގައި އިންނަތަން ފެންނަ ކޮންމެ ފަހަރަކު އިޝްޔާއަށް އުނދަގޫ އިހުސާސުތަކެއް ކުރުވަނީ ކީއްވެކަމެއް އޭނާއަށް ބުނެދޭކަށް ނޭނގެއެވެ. ހިތްނުތަނަވަސްވުމާއެކު، އެ މަންޒަރު ނުދެކެން އިސްޖަހައިލެވެނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ވާހަކަދައްކާއިރުވެސް އަޒާން އަށް ބަލަހައްޓައިގެން ހުންނަން އޭނާއަށް އުނދަގޫވެއެވެ. ގިނަވަގުތު ހުރެވެނީ އެކަހެރިވެ ނެގިމަޑުވެފައެވެ. އިޝްޔާގެ ފަރާތުން މި ބަދަލުތައް ފާހަގަވިއެއްކަމަކު، އެކަމާ މެދުގައި އަޒާން މާބޮޑަށް އަޅައިނުލީ އެއީ އޭނާގެ ހާލާމެދުގައި ވިސްނައި، އެކަން ގަބޫލުކުރަން އަދިވެސް އިޝްޔާއަށް ވަގުތު ބޭނުންވާތީވެ ވާގޮތެއްކަމަށް ވިސްނަމުންނެވެ.
ހާލަތު މަޑުމަޑުން ރަނގަޅުވެލުމާއެކު، ޑޮކްޓަރުން ދައްކާފައިވާ ވާހަކަތަކާމެދުގައި އަޒާން ފުންކޮށް ވިސްނާލިއެވެ. އޭނާގެ ފިޒިއޮތެރަޕީއަށް ފުދޭވަރަކަށް ދުވަސް ނަގައިފާނެކަމާއި، އެކަމަށް ރަނގަޅަށް ތައްޔާރުވެގެން އައުމަށް ޑޮކްޓަރުންވަނީ އިރުޝާދުދީފައެވެ. އެހައި ދިގު މުއްދަކަތަށް އިޝްޔާއާ ދުރުގައި ހުންނާކަށް އަޒާންގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން ރާއްޖެ ދިއުމަށްފަހު ކައިވެނިކޮށްގެން އިޝްޔާ ވެސް ގޮވައިގެން އަލުން ލަންޑަނަށް އައުމަށް އޭނާ ނިންމިއެވެ. ކައިވެންޏަކާ ނުލައި އެހައި ގިނަ ދުވަސްތަކަކަށް އިޝްޔާ ގޮވައިގެން އައިސް އުޅެން އޭނާ ބޭނުންނުވީއެވެ. އިޝްޔާ އޭނާގެ ގާތުގައި ހުރުމަކީ އަޒާން އަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.އެހެންކަމުން ކައިވެނީގެ ވާހަކަ އަލުން ފެށުމަށް އޭނާ ވިސްނިއެވެ. ދެއާއިލާއަށް ލިބިފައިވާ ނުތަނަވަސްކަންވެސް ފަހަރެއްގައި އެދެމީހުންގެ ކައިވެނީގެ ސަބަބުން ފިލައިފާނެއެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް އޭނާގެ އަމިއްލަ ޟަމީރު ބުނެލުމުން، އިތުރަށް އެކަން ފަސްކުރާކަށް އަޒާން ގަސްދެއް ނުކުރިއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޖެހެމުންދިޔަ ލުއި ރޯޅިތަކުގައިވީ ހިތްތަކަށް ހަމަޖެހުންގެނުވައިދޭފަދަ އަސަރުތަކެކެވެ. ވައިރޯޅީގެ ކުދިކުދި ގޯނާތަކަށް ގަސްތައް ނަށަމުންދިޔައިރު، ދޮންވެފައިހުރި ފަތްތައް އެ ގޯނާތަކުން ކެތްނުވެގެން ވައިރޯޅިއާއެކުވެ ތިރިއަށް ފައިބަމުންދިޔައެވެ. ހުދުކަފަކޮޅެއްފަދަ ކުދި ވިލާތައް އުޑުމަތީގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުންދިޔައިރު، ދުރުދުރުން ފެންނަމުންދިޔަ އުސްފަރުބަދަތަކުގައި ބައެއް ވިލާކޮޅުތައް ބީހިލަނީ ނުހަނު އޯގާތެރިކަމާއެކުއެވެ.
ގޭގެ ގޯތިތެރޭގައި ހަވީރު ސަޔަށް އިންސާފުކުރަމުންދިޔައިރު، ކޮންމެ މީހަކުވެސް އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. މާޙައުލަށް ވެރިވެފައިވާ ހިމޭންކަން ނެތިގެން ދިޔައީ ގޭގެ ބެލް އަޅައިލިއަޑު އިވިފައެވެ. ވަގުތުން އެންމެންގެ ނަޒަރު ގެއަށް ވަންނަން ހުރި ދަގަނޑު ގޭޓަށް ހުއްޓުނެވެ. ގޭގައި ހުންނަ ސެކިއުރިޓީ ގާރޑު ގޭޓު ހުޅުވައިލުމާއެކު ހިނިތުންވެފައި އެތެރަށް ވަދެގެން އައި ޒިވްރާ އާއި ޝާހީނާ ސަލާމް ގޮވައިލިއެވެ. އެއާއެކު ހިނިތުންވުމެއް ބަދަލުކޮށްލަމުން ލިޔާރާ އާއި ޔުމްނާ ސަލާމް ބަލައިގަތެވެ. "ޝާހީ، ހާދަ ދުވަހެއް ފަހުންނޭ މި ބައްދަލުވީ. ކިހިނެއްތަ؟" އިންތަނުން ތެދުވެ ކުޑަކޮށް ޝާހީނާ ގައިގައި ބައްދައިލަމުން ލިޔާރާ ބުނެލީ ގާތްގޮތަކަށެވެ. އަޒާންގެ ސްކޫލް ދުވަސްވަރު ދޭތެރަކުން ޒިވްރާ ވެސް އެގެއަށް އައިސް އުޅޭތީ އޭނާއަށް ވަނީ ޝާހީނާއާ ކޮންމެވެސް ވަރަކަށް ބައްދަލުވެ އެކުވެރިކަން އުފެދިފައެވެ. "އަލްޙަމްދުލިﷲ، އަހަރެން ރަނގަޅު. ލިޔާ ކިހިނެއްތަ؟ ޒިވީގެ ފަރާތުން ޒާންއާ އިޝީ ގެއަށް ދޫކޮށްލިކަން އެނގުނީމަ ހަމަ ހާލު ބަލާލަން އައީ.ކުރިއަކުން ނޭނގޭ ވިއްޔަ މިފަދަ ކަމެއް ދިމާވެގެން އުޅޭކަމެއް. ޒިވީ ވެސް މާފަހުންވިއްޔަ ބުނީ" އަޒާން އާއި އިޝްޔާއަށް ބަލައިލަމުން ޝާހީނާ ނިތްއަރުވައިލަމުން ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޝާހީނާގެ ވާހަކަތަކަށް ލިޔާރާ ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި ހަވީރު ސައިގައި އެމީހުނާއެކުގައި ބައިވެރިވާން ދައުވަތު ދިނެވެ. އެއާއެކު އަތުގައި ހުރި ހަދިޔާ ކޮތަޅުތައް ލިޔާރާއާ ހަވާލުކޮށްލަމުން މޭޒުދޮށުގައި ހުސްކޮށްހުރި ގޮނޑިތަކުން ގޮނޑިއެއްގައި އޭނާ އާއި ޒިވްރާ އިނށީނެވެ. ސިއްރު ނަޒަރަކުން ޒިވްރާ އަޒާންއަށް ބަލައިލިއިރު، އޭނާ އިނީ މާދުރަށް ނަޒަރު ހުއްޓާލައިގެންނެވެ.
އެންމެންގެ މެދުގައި އެކި ވާހަކަތައް ދެކެވެމުންދިޔައިރު، އަޒާން ފަރުވާތެރިކަމާއެކީ ކޮންމެ މީހެއްގެ މޫނަށް ބަލައިލިއެވެ. ޒިވްރާ ވެސް އިން ވަގުތަކަށްވުމުން މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނޭ ހިތަށް އަރައި އޭނާ ކަރުކެހިލަމުން ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނެލިއެވެ. އެންމެންގެ ފުރިހަމަ ސަމާލުކަން ވަގުތުން އަޒާން އަށް ހުއްޓުނެވެ. "ބައްޕާ، އަންކަލް، އަޅުގަނޑު ބޭނުންވަނީ ކުރިންވެސް ހަމަޖެހިފަ އޮތް ގޮތަށް އަޅުގަނޑާ އިޝީގެ ކައިވެނި ލަސްނުކޮށް ކުރަން. ރިކަވަރީއަށް ހޭދަވާނީ ކިހާ މުއްދަތެއްކަން ނޭނގޭއިރު، އިތުރަށް ކައިވެނި ފަސްކުރާކަށް ބޭނުމެއްނޫން. އިޝީއަށް ކަމުދާނަމަ ރާއްޖެ ދިއުމަށްފަހު ވީހައިވެސް އަވަހަކަށް ކައިވެނީގެ ކަންތައް ނިންމަން ބޭނުން. އަޅުގަނޑު ބޭނުންވަނީ ރިކަވަރީ ޓްރީޓްމަންޓްސް ފަށާއިރު އިޝީ ވެސް ގޮވައިގެން އަންނަން." ހިލްމީ އާއި ސުފްޔާން އަށް ވަކިވަކިން ބަލައިލަމުން އަޒާން އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ. އެވާހަކަތަކުން އެންމެންގެ މޫނަށް އުފާވެރިކަމާ ހިނިތުންވުމެއް ވެރިވެގެން އައި އިރު، އިޝްޔާއަށް ލިބުނު ސިހުމުގައި ދެލޯބޮޑުކޮށްލަމުން އަޒާންއަށް ބަލައިލެވުނީ ކަންފަތަށް އިވުނު ވާހަކަތަކާމެދުގައި ޔަގީންނުވެފައި އިންފަދައަކުންނެވެ. ޒިވްރާއަށްވެސް ވީ އެފަދަ ގޮތެކެވެ. ހިންދިރުވައިލަމުން އޭނާ އަޒާން އަށް ބަލަހައްޓައިގެން އިނީ އެސްފިޔަޖަހައިލަން ވެސް ހަނދާންނުވެފައެވެ. ދެލޮލަށް ކަރުނަތައް ޖަމާވެދާނެހެން ހީވުމުން، އޭނާ އަވަސް އަވަހަސް އެސްފިޔަތައް ތަޅުވައިލަމުން އިސްޖަހައިލުމަށްފަހު، އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ނަޒަރު ސީދާކޮށްލިއެވެ.
"ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެން ވެސް މި ހުންނަނީ ތި ވާހަކަތައް ހިލްމީއާ ޒާންއާ ދައްކަން ހިތުލައިގެން. މާ ރަނގަޅަކަށްނު މިވީ. މިހާރުވެސް ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި ކުރެވޭތަން ދެކިލާހިތުން ކެތްވަނީއެއް ނޫން. އެހެންވީމަ ދަތުރު ވެސް ދެން އިތުރަށް ލަސްކުރާނެކަމެއް ނެތެއްނު. އަވަހަށް އެކޮޅަށް ދެވުނިއްޔާ ކައިވެނީގެ ތައްޔާރީތައްވެސް ފެށޭނީ ދޯ ޔުމް" ނިކަން ހިނިއައިސްފައި އިނދެ ސުފްޔާން ބުނެލިއެވެ. އޭނާގެ ވާހަކަތަކަށް އެއްބަސްވަމުން ޔުމްނާ ވެސް ބޯޖަހައިލިއެވެ. މާހައުލަށް ވެރިވެގެންދިޔަ އުފާވެރިކަމާއެކު ކުއްލިއަކަށް އެންމެންގެ ތެރޭގައި ފޯރިގަދަވެގެން ދިޔައެވެ. އެކެއް އަނެކެއްގެ ޚިޔާލުތައް އެކި ކަންކަމާ ބަދަލުކުރެވެމުންދިޔައިރު، އިޝްޔާ އިނީ ހިމޭންވެފައެވެ. އެހެނަސް އެހެންމީހުނަށް ބަލައިލަމުން އޭނާ ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
"ޒިވް، މިފަހަރު ޒިވީ ވެސް އަހަރެމެން ދާއިރުގަ ދާންވީނު. ކައިވެނީގެ ތައްޔާރީތަކާކައިވެނި ހަފުލާގަ ބައިވެރިވެލާފަ އެނބުރި އަންނާނީ. ކިހާ ދުވަހެއްފަހުން މި ދިމާވީ. މިފަހަރު އެއްވެސް އެކްސްކިއުޒްއެއް ނޯންނާނެ އިނގޭ. އަހަރެމެންނަށް ވަގަށް ފިލާގެން އުޅުނު ކޮންމެ ދުވަހަކަށް މަޢާފުކުރެވޭނީ އޭރުން ދޯ އިޝީ" މަޖާވެލާފައި ޒިވްރާއަށް ގޮވައިލަމުން އަޒާން ބުނެލިއެވެ. އެއާއެކު ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލުމަށްފަހު، އިޝްޔާ ބޯޖަހައިލަމުން އާނއެކޭ ބުނެލީ އަޒާން އަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
"ހެހެ. މި ދުވަސްކޮޅު ދާން ޒިވީ އަށް ވަރަށް އުނދަގޫވާނެ. ނެކްސްޓް ވީކް ތެރޭގަ ޒިވީގެ އެންގޭޖްމަންޓް ހަފުލާ އޮންނާނެ. ޒިވީ ނުބުނޭތަ. އިރާދަކުރެއްވިއްޔާ އަހަރެންގެ މި ދަރިފުޅުވެސް ވަރަށް އަވަހަށް ކައިވެނި ކުރާނެ." އެއްޗެއް ބުނަން ޒިވްރާ އަނގަހުޅުވައިލި ވަގުތު ކުއްލިއަކަށް ޝާހީނާ ބުނެލި ބަސްތަކުން ޒިވްރާއަށް ދެލޯބޮޑުކޮށްލެވުނެވެ. އަދި ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލިއިރު ލަދުން ގޮސް އޭނާގެ ދޮން މޫނަށް ޖަންބުކުލަ ފާއްދާލިއެވެ. ހައިރާންވެފައި އެންމެން ޒިވްރާއަށް ބަލަމުންދިޔައިރު، އަޒާންގެ ތޫނު ނަޒަރުވެސް ހުރީ އޭނާގެ މޫނަށް ހުއްޓިފައެވެ. ހިނދުކޮޅަކަށް ހަތަރުކަޅި ބައްދަލުވި ވަގުތު ޒިވްރާގެ ހިތް ބާރުބާރަށް ތެޅިލީ އެ ދެލޮލުގައިވި ބަޔާންކުރަންދަތި އަސަރުތަކުގެ ސަބަބުންނެވެ.
(ނުނިމޭ)
Ads by MACL
