ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމުގެ އަމާޒުގައި ހަންކެޑެއަށް ޚާއްސަ ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ---
އައްޑޫ ހަންކެޑެ ---

ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން، އައްޑޫ ސިޓީގެ ހަންކެޑެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅިން އާ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދެވި މި ކުންފުންޏަކީ އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސް، އެ ސިނާޢަތުގެ ނަފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ އަމާޒުގައި އުފެއްދެވި ކުންފުންޏެކެވެ.

ކުންފުނިތަކުގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ނެރުއްވި ޚާއްސަ ޤަރާރަކުން ވުޖޫދަށް ގެނައި މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ހަންކެޑެ ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތެއް ރާވައި ހިންގުމެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރޭވުންތެރިކަމާއެކު ބެލެހެއްޓުންވެސް ވަނީ މި ކުންފުންޏާ ހަވާލުކުރައްވާފައެވެ.

ހަންކެޑެ ތަރައްޤީކުރުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންވެސް ފަށަން މަސައްކަތްކުރި މަޝްރޫޢެކެވެ. އެގޮތުން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށް ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެ މަސައްކަތް ކުރިން ހަވާލުކުރިއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ.

އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރުމަށްފަހު، މި މަޝްރޫޢު އިތުރަށް ލަސްވާން ބޭނުންފުޅުނުވާތީ މިހާރު ވަނީ ކުރީގެ އެއްބަސްވުން ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތުގައި ތުރުކީގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މި ސަރުކާރުގެ ވިސްނުމަކީ ހަންކެޑެ މަޝްރޫޢު "ޙަލާލް ޓޫރިޒަމް" ކޮންސެޕްޓަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމެވެ.