ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ޚިދުމަތަށް އަލަށް ނުކުތް 225 ސިފައިންނަށް ހަތިޔާރު ޙަވާލުކޮށް، ހުވާލައިދީފި

ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ޤައުމީ ޚިދުމަތަށް އަލަށް ނުކުތް 225 ސިފައިންނަށް ހަތިޔާރު ޙަވާލުކޮށް، އެ މީހުން ސިފައިންގެ ހުވާ މިއަދު ކޮށްފިއެވެ. ކ. ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، އަލަށް ތަމްރީނު ފުރިހަމަކުރި ސިފައިންނަށް ބަޑި ޙަވާލުކޮށްދެއްވައި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއަދު ހުވާކޮށްފައިވަނީ ދިވެހި ސިފައިންގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ބައިވެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގި 72 ވަނަ ކޯހުގެ 138 ބައިވެރިންނާއި، ސަދަން އޭރިއާ ކޮމާންޑްގެ އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ހިންގި 73 ވަނަ ކޯސް ނިންމި 117 ބައިވެރިންނެވެ. މި އެންމެންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޙުސައިން މަޒީދެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް މި މުއައްސަސާއާ ގުޅޭ ފަރާތްތަކަށް، އަސްކަރީ މާޙައުލުގައި މަސައްކަތްކުރުމަށް ބޭނުންވާނެ އަސާސީ ހުނަރުތަކާއި ޢިލްމު އުނގަންނައިދިނުމަށް ހިންގާ މުހިންމު ކޯހެކެވެ. މި ކޯހުގެ އެންމެ ބޮޑު އަމާޒަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚުލާޤު ރަނގަޅު، އަމުރަށް ކިޔަމަންތެރި އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކު ދިފާޢީ ޚިދުމަތަށް ބިނާކުރުމެވެ.