އިތުރު 17 ރަށަކަށް އާ އެމްބިއުލާންސް ހަވާލުކޮށްފި
ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުން އައި އެމްބިއުލާންސްތައް ހަލާކުވެ، ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް، އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތައް ރޭ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ މިނިސްޓަރު ގީލާ އަލީއެވެ.
މި އެމްބިއުލާންސްތަކަކީ އަތޮޅުތަކުގައި ހުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ގެނައި އުޅަނދުތަކެކެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސް ހޯދުމަށް އެމްޕީއެލްއާ ހަވާލުކުރި 36.2 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ގެނައި 17 އެމްބިއުލާންސެވެ.
މިދިޔަ މާޗް މަހު ފުރަތަމަ ބެޗުގެ 14 އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައިވާއިރު، ރޭ ހަވާލުކުރި އެމްބިއުލާންސްތަކާއެކު މި ސަރުކާރުން މިހާތަނަށް ވަނީ ޖުމްލަ 87 އާ އެމްބިއުލާންސް ރަށްރަށަށް ފޯރުކޮށްދީފައެވެ. މި ފަހަރު އެމްބިއުލާންސް ލިބުނު ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫ، ށ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫ ހިމެނެއެވެ.
އަންނަ ތާނގައި ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން، އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ވެސް މި އަހަރު ގެނެސް ހަވާލުކުރާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
Ads by MACL
