ހަނިމާދޫގެ ހުރިހާ ގެއަކަށް ސޯލާ ޕެނަލް: ކައުންސިލުން ބޮޑު މަޝްރޫއެއް ފަށަނީ
ހއ. ހަނިމާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންގެ ކަރަންޓު ބިލަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ.
މިއީ އެ ރަށު ކައުންސިލުގައި ތިބި އެމްޑީޕީގެ ފަސް މެމްބަރުންގެ ކެމްޕެއިން ވައުދެއް ކަމަށާއި، މި ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާވޭ ކުރުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ރަށުގައި ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުން އާއްމުންނަށް އެދެވޭ މަންފާއެއް ނުކުރާ ކަމަށް ފާހަގަކުރައްވައި ކައުންސިލް މެމްބަރު އަހުމަދު އަނާން ވިދާޅުވީ، ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޖީބަށް ބުރޫއަރަމުންދާ ކަމަށެވެ. 500 އަށް ވުރެ ގިނަ ގެ ހިމެނޭ ހަނިމާދޫގެ ކަރަންޓުގެ ހާލަތު ދަށްވުމަކީ ވެސް މިފަދަ ހައްލެއް ހޯދަން މަޖުބޫރުވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހި މި ދައުރުގެ ތެރޭގައި ނިންމުމަކީ ކައުންސިލުގެ އަމާޒެކެވެ. ކޮންމެ ގެއެއްގައި ތިން ކިލޯ ވޮޓްގެ ޕެނަލް ހަރުކުރުމަށް ރާވާފައިވާއިރު، އިންވާޓާއާ އެކު މި މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
މި ޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ގޭބިސީތަކަށް އެ ފުރުސަތު ހުޅުވާލާނެ އެވެ. މަޝްރޫއުގެ ފުރަތަމަ ހަރަދުތައް ކުރާނީ ކައުންސިލުން ކަމަށާއި، އޭގެ ފަހުން ގެތަކުން ދައްކަން ޖެހޭ ބައެއް ފައިސާ އިންސްޓޯލްމަންޓް އުސޫލުން ކައުންސިލަށް ދައްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އަނާން ވިދާޅުވި އެވެ.
Ads by MACL
