މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
މާލޭގެ ހަލާކުވެފައިވާ މަގުތައް މުޅިން އާ ފެންވަރަކަށް ތަރައްޤީކޮށް ބަދަލުކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ލަސްވެގެން 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށްފަހު، މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުތަކަށް ނިމުންގެނެސް، މަގުތައް އެއްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ހަދާއިރު، އާންމުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމު ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޑީވޯޓަރިންގ ނިޒާމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށް އަލިފާން ނިއްވާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މި މަގުތަކާ އެކު ފުރިހަމަކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLމި ބޮޑު މަޝްރޫޢުގެ ބޭރުން، ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ހެދުމަށް ހިންގާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮތް ސަރަޙައްދު ނިންމައި އަންނަ ހަފުތާގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ސަރަހައްދު ހުޅުވުމާއެކު ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާއިރު، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ އާ ޕާކިންގ ޒޯނެއްވެސް ވަނީ ކަނޑައަޅާފައެވެ.
މި ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ދެން ފެށިގެންދާނީ އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، ބޮޑުތަކުރުފާނު މަގުގެ އެންމެ ބޮޑަށް ގާތައް މުގުރި ހަލާކުވެފައިވާ ބައި މަރާމާތުކުރުމުގެ މަސައްކަތެވެ. މި ހުރިހާ މަސައްކަތްތަކެއް ފުރިހަމަވުމުން މާލޭގެ ބާޒާރުމައްޗާއި ވިޔަފާރި ސަރަޙައްދުތަކުގެ އިތުރުން ދުއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މަގު ފުޅާކުރުމަށް މާލޭ ފަޅުން ބައެއް ހިއްކި ނަމަވެސް ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށްވުމުން، އުޅަނދުފަހަރު ކައިރިކުރުމަށް ލިބޭ ޖާގަ ކުރިއަށްވުރެ އިތުރުވެގެންދާނެއެވެ.
މާލޭގެ ތޮއްޖެހުމަށް މިފަދަ މަޝްރޫޢުތަކުން ލުޔެއް ލިބުނު ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ސަރަޙައްދީ ތަރައްޤީ ގެނެސްގެން މާލޭގެ ތޮއްޖެހުން ދާއިމީކޮށް ހައްލުކުރުން ނަމަވެސް، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ މާލެ ސަރަޙައްދަށް މިވަގުތުން މިވަގުތަށް ބޭނުންވާ މައްސަލަތައް ހައްލުކުރުމަށް މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރުވެސް ބާރަށް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
