ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ
އެމްޓީސީސީން ހާމަކުރި ގޮތުގައި މިގޮތަށް ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާތީއެވެ. މި މަސައްކަތުގެ ސަބަބުން، އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅުންހުރި މުއާމަލާތުގެ މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވިދާނެ ކަމަށް ބޭންކުން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ވަނީ ކަސްޓަމަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭންކުން ކުރިއަށްގެންދާ މި މެއިންޓަނަންސް މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، ކަސްޓަމަރުންގެ ފަރާތުން އެ ކުންފުންޏަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދެއެވެ.
Ads by MACL
