ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފެށުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފެށުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ޚާއްސަ މަޝްރޫއެއް ފަށައިގެން ކުރިއަށްދާކަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ކޮންމެ ތަނެއްގައި ހުރި ނަމަވެސް އާންމު ރައްޔިތުންނަށް ފޮތްތެރިކަމާއި އެކި ކަހަލަ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެވެސް ސިފައެއްގައި މި ޚިދުމަތް ލިބެން ހުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރުވެސް އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ގައުމީ ކުތުބުޚާނާގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިހާރުވެސް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ހާމަކުރެއްވި ގޮތުގައި، ސަތޭކައަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކޮށް، ކައުންސިލްތައް ހިމެނޭހެން ހެދި ސާވޭއަކަށް ފަހު މި ޚިދުމަތް ތަރައްގީކުރާނެ ގައުމީ އޮނިގަނޑެއް ވަނީ އެކުލަވާލާފައެވެ.

މި ސާވޭއިން ލިބުނު މައުލޫމާތަށް ބިނާކޮށް، ރަށްރަށުގެ އާބާދީއާއި ބޭނުންތަކާ ގުޅޭގޮތަށް އެކި ފަންތީގެ ކުތުބުޚާނާ މޮޑެލްތައް ވަނީ ފަރުމާކޮށްފައެވެ.

މީގެ އިތުރުން، ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކުން ނެރޭ ރިޕޯޓުތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ޕްލެޓްފޯމެއްވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.