ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތަށް!

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތަށް!

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޗައިނާ މާކެޓުން ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 190,000 އަށްވުރެ މައްޗަށް ޖެހިލާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1.15 މިލިއަނަށްވުރެ މަތިވެފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، ޗައިނާގެ ފަހަތުން ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން ރާއްޖެއަށް 164,067 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 91,574 ފަތުރުވެރިންނާއެކު ތިންވަނަ މަގާމު ހާސިލްކޮށްފައިވަނީ އިނގިރޭސިވިލާތެވެ.

މި ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ބޭނުންކޮށްފައިވާ ދޮރުތަކުގެ ތަފްސީލަށް ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަނިވެސް 1,125,664 ފަތުރުވެރިން ވަނީ ރާއްޖެ އެތެރެވެފައެވެ. މީގެ އިތުރުން އުތުރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް 2,528 ފަތުރުވެރިން އައިސްފައިވާއިރު، ކަނޑުގެ ބަނދަރުތަކުން ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދަކީ 15,577 އެވެ.

ރާއްޖެއަށް އައި ފަތުރުވެރިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ރިސޯޓުތަކުގެ ބެޑްތަކެވެ. އެގޮތުން 820,284 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ރަށްރަށުގެ ގެސްޓްހައުސްތަކަށް 258,538 ފަތުރުވެރިން ވަނީ ގޮސްފައެވެ. އަދި ހޮޓާތަކުގައި މަޑުކޮށްފައިވަނީ 27,050 ފަތުރުވެރިންނެވެ.

ޗައިނާގެ މާކެޓަށް އައި މި ބޮޑު ލޮޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ ޚާއްސަ މަސައްކަތްތަކުގެ ނަތީޖާއެވެ.

ވަކިން ޚާއްސަކޮށް ޗައިނާގެ އެކި މަންޒިލްތަކުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރުވުމަކީ މި ކުރިއެރުމަށް މަގުފަހިވި އެންމެ މުހިންމު އެއް ސަބަބެވެ.