ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަނީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގުނަން ފެށި މި ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި މި ބަދަލު ގެނައުމަށް އަންގާފައިވަނީ ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ.

ކުންފުނިތަކުގެ ސައިޒާއި މަސައްކަތުގެ ބާވަތާ އެކަށޭނަ މިންވަރަކަށް މުވައްޒަފުންގެ އަދަދު ބެހެއްޓުމަށް އަޅާ މި ފިޔަވަޅުގެ ތެރެއިން، ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ. އެގޮތުން، އެޗްޑީސީ އާއި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންނަށް، ތިން މަސް ދުވަހުގެ މުސާރަ ލިބޭ ގޮތަށް ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ބަދަލުތައް ތަންފީޒުކުރާ މިންވަރު ޕީސީބީން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. އެގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއަކު އާދިއްތަ ދުވަހު އެ ބޯޑަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މި ފިޔަވަޅުތަކަކީ ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށް ޕީސީބީން ފާހަގަކުރެއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމާއި، އިތުރުގަޑީގެ މަސައްކަތްތައް ހަނިކުރުން ހިމެނެއެވެ. މީގެ އިތުރުން، ކުންފުނިތަކުން ބާއްވާ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ވެސް ވީހާވެސް ކުޑަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.