ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑޮލަރުގެ އަގު ތިރިކުރަން ބޭނުންނަމަ ސަރުކާރުން މަޝްރޫޢުތަކަށް ކުރާ ހޭދަ ހުއްޓާލަންޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---
ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ޑޮލަރުގެ އަގު ތިރިކުރަން ބޭނުންނަމަ ސަރުކާރުން މަޝްރޫޢުތަކަށް ކުރާ ހޭދަ ވަގުތުން ހުއްޓާލަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑޮލަރުގެ އަގު އުފުލެމުންދާ މައްސަލާގައި އެކްސް ( ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި ދެން އިތުރު އެއްވެސް ހަރަދެއް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދާ ހުރިހާ އުމްރާނީ މަޝްރޫޢުތަކެއް ވަގުތީގޮތުން ހުއްޓާލަންޖެހޭ ކަމަށާއި، ރަށްރަށުގައި ނުނިމި ހުރި މަސައްކަތްތައް ރަށު ކައުންސިލާ ހަވާލުކޮށް، ކްރޮސް ސަބްސިޑީ އުސޫލުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުން މާ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް ޑޮލަރުގެ މައްސަލައާ ގުޅިގެން ހިޔާލުފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޑޮލަރުގެ ރޭޓް ކަނޑައެޅުމުގައި ބާޒާރުގެ އަގަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. 2011 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ ޑޮލަރު ގަނެވިއްކާ ރަސްމީ ރޭޓަށް ފުރަތަމަ ފަހަރަށް ބަދަލުތަކެއް ގެނެސް، 12.80 ރުފިޔާގައި ހުރި ރޭޓް 10.28 އާއި 15.42 އާ ދެމެދުގެ އަގަކަށް ދޫކޮށްލާފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު އައު ބޭރު ފައިސާގެ ގާނޫނެއް ތަންފީޒުކުރަން ފަށާފައެވެ. މި ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް، ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމްކޮށްފައިވާއިރު، މީގެ ސަބަބުން ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.