ޝިއާއުގެ މަރުގެ މައްސަލާގައި ސާހިލްގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްފި
މާލޭގެ ގެއެއްގެ ތެރޭގައި 2022 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލާގައި ކުށްވެރިވި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައިގައި ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ ތިން އަހަރާއި މަހެއްގެ އިތުރުން ހަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ. މި ހުކުމް އިސްތިއުނާފު ކުރުމަށް މީގެ ކުރިން ކުރި މަސައްކަތް ލިޔެކިޔުންތަކުގެ މައްސަލައަކާ ގުޅިގެން ކާމިޔާބުވެފައި ނުވި ނަމަވެސް، ފާއިތުވި ހަފުތާގެ ތެރޭގައި އޭނާ ވަނީ އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ސާހިލްގެ މައްޗަށް ކުރާ އެހެން ދައުވާތަކުގެ ޝަރީއަތްތައް ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. މިދިޔަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑުއެހުން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވަނީ ކެންސަލްކޮށްފައެވެ.
މީގެ އިތުރުން، ދައުލަތުން ހަމަޖައްސައިދިން ވަކީލުންނަށް ސާހިލް އެއްބާރުލުން ނުދޭތީ، އޭނާއަށް ދެން ސަރުކާރުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ވެސް ކޯޓުން ވަނީ ކުރިން ހާމަކޮށްފައެވެ.
Ads by MACL
