ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (17 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (17 ވަނަ ބައި)

"އަސްލުވެސްތަ؟ ޒިވީ ނުވެސް ބުނޭ ތިކަހަލަ ވާހަކައެއް" އުފާވެލާފައި ޒިވްރާއަށް ބަލައިލަމުން ލިޔާރާ ބުނެލިއެވެ. އެވާހަކައަށް ދޭނެ ވަކި ޖަވާބެއް ނޭނގި ޒިވްރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. "ކޮންގްރޭޓްސް. ވަރަށް އުފާވެރި ޚަބަރެއް. އެކަމަކު ވަރަށް ދެރަވެއްޖެ ޒިވީ ނުބުނީމަ" އިރުކޮޅަކު ޒިވްރާއަށް ބަލަން އިނުމަށްފަހު އަޒާން ބުނެލިއެވެ. އެއަޑަށް ޒިވްރާއަށް އަޒާންގެ މޫނަށް ބަލައިލެވުނެވެ. "މި.. މީ.. ވަރަށް ކުއްލިގޮތަކަށް ހަމަޖެހުނު ކަމެއްވީމަ" ކޮންމެވެސް ވަރަކަށް އަޅައަޅައިގަންނަމުން ޒިވްރާ ބުންޏެވެ. އެއާއެކު އަޒާން ލުއިގޮތަކަށް ހިނިތުންވެލަމުން އިސްޖަހައިލީއެވެ.

 

އެތައް އިރަކު އެ ގޭގައި ތިބުމަށްފަހު ގެއަށް ދާން ނުކުތްއިރު ޒިވްރާގެ މޫނުމަތީގައިވީ ނުތަނަސްކަމުގެ ކުލަވަރެވެ. ކޮންމެވެސް ވަރަކަށް ޝާހީނާއާ މެދުގައި އޭނާ ހުރީ ހިތްހަމަނުޖެހޭ ގޮތްވެސް ވެފައެވެ. އޭނާއާ މަޝްވަރާކޮށްލުމެއްނެތި ކުއްލިއަކަށް އެ ޚަބަރު ދިނުމުން ޒިވްރާއަށް ކަމުނުދިޔައީއެވެ. އެހެންނަމަވެސް އޭނާ އެވަގުތު އެވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ހިމޭންކަމާއެކު ލަސްހިނގުމެއްގައި އައިސް ކާރަށް އަރަމުން ކާރު ދުއްވާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ޝާހީނާ ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

 

"މަންމާ.." ޒިވްރާގެ އަޑަށް ޝާހީނާގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓުނެވެ. "ކިހިނެއްވީ؟ ދަރިފުޅު ވަރަށް މުހިންމު ވާހަކައެއް ދައްކަން އުޅޭހެން ހީވަނީ" އޭނާއަށް ގޮވައިލުމަށްފަހު ޒިވްރާ ބަހެއްވެސް ނުބުނެ އިންނަން ފެށުމުން ޝާހީނާ އެއްސެވެ. "ކުޑަ ދުވަސްކޮޅަކަށް އަހަރެންގެ ރަންކިޔުމުގެ ހަފުލާ ފަސްކޮށްލެވިދާނެތަ؟ ޕްލީޒް.. އަހަރެން ވަރަށް ބޭނުން ޒާންއާ އިޝީގެ ކައިވެނީގަ ބައިވެރިވާން. މިހާރުވެސް ބައިވަރު ކަންކަން އަހަންނަށް މިސްކޮށްލެވިއްޖެ. މިފަހަރު އެހެންވާކަށް ބޭނުމެއްނޫން" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޒިވްރާ އޭނާގެ ހިތުގެ އެދުން ޝާހީނާ ކުރިމަތީގައި ހާމަކޮށްލިއެވެ. ވަގުތުން ޝާހީނާގެ މޫނުމަތި ބަނަވެގެންދިޔައެވެ. ދުރަށް ނަޒަރު ހުއްޓާލަމުން އޭނާ ދެބުމަގޮށްޖަހައިލިއެވެ.

 

"ޒިވީ ތިހެން ބުނާއިރުވެސް އެނގޭނެ މިހާރު އެކަން އޮތީ ފައިނަލްވެފަކަން. ދެން މަންމަ އަކަށް ނުކެރޭނެ ޖޫލީއަށް ގުޅާފަ ދުވަސް ފަސްކުރަން ބުނާކަށް. އޭނަ ވެސް ބޭނުންވަނީ ވީހައިވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމަން. އެހެންނޫނަސް އަމިއްލަ ކައިވެނި ދޫކޮށްލާފަ އެހެން މީހެއްގެ ކައިވެނީގަ ބައިވެރިވާން ދަނީ ކީއްކުރަން؟ އެމީހުނަށް ވިސްނޭނެ އަދި ގަބޫލުވެސް ކުރާނެ ޒިވީ އަށް ނުދެވުނީ ކީއްވެކަން" ބޭނުންނުވި ނަމަވެސް ޝާހީނާގެ އަޑުގައި ކޮންމެވެސް ވަރަކަށް ހަރުކަށިކަން އެކުލެވިގެންދިޔައެވެ. "މަންމާ ޕްލީޒް.. އަހަރެން އާދޭސްކޮށްފަ މިބުނީ. އަހަންނަށް މިކަން ކޮށްދީ. އަހަރެން ކައިވެނިކުރާކަށް ދެކޮޅެއް ނުހަދަމެއްނު. މަންމަ އެދުނީތީ އެކަމަށް ވެސް އަހަރެން މިހުރީ ރުހިގެން. މަދު ފަހަރަކު ނޫނީ އަހަރެން މަންމަ ގާތު ކަމަކު ނުކިޔަމެއްނު. ސޯ ޕްލީޒް.. މިފަހަރު އެކަނި. އައި ޕްރޮމިސް، ޒާން މެންގެ ކައިވެނި ނިންމާފަ އަންނަގޮތަށް މަންމަ ބުނި ތާރީޚެއްގަ އަހަރެން މިކްދާދްއާ ކައިވެނިކުރަން ވެސް ތައްޔާރު. އިތުރަށް ވަގުތު ދޭކަށް ނުބުނާނަން." އެއްއަތުން ޝާހީނާގެ އަތުގައި ހިފައި ބާރުކޮށްލަމުން ޒިވްރާ އާދޭސްކޮށްލިއެވެ. އޭނާގެ ދެލޮލުގައި ވެސް ވަނީ އާދޭހުގެ އަސަރުތަކެވެ. އިންތިހާއަށް އެކަމަށް ބޭނުންވެފައި ހުރިކަން އެމޫނަށް ބަލައިލުމުން އެކަނިވެސް އެނގެއެވެ. އެއްޗެއް ބުނަން ނުބުނަން އުޅޭފަދައަކުން ޒިވްރާއަށް ބަލަން އިނުމަށްފަހު ޝާހީނާ ފުންނޭވާއެއް ދޫކޮށްލިއެވެ. "މަންމަ ތިކަމާ ވިސްނާނަން" ގަޔާނުވެފައި އިންފަދަ ގޮތަކަށް ޝާހީނާ ބުނެލިއެވެ. އެހެންނަމަވެސް ޒިވްރާ އެހައިވަރަށް އެދުނީތީ އެކަން ކޮށްދޭން އޭނާ ހިތާހިތުން ނިންމިއެވެ.

 

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ޒިވްރާ މާ ފަރިވެލައިގެން ސިޑިން ފައިބައިގެން އަންނަތަން ފެނި ސޯފާގައި އިން ޒައިހާ ދިމާކޮށްލިއެވެ. އެއާއެކު ލުއި ގޮތަކަށް ޒިވްރާ ހީނލިއެވެ. "ދެން ބުނެބަލަ، ކޮންތާކަށްތަ މާ ފަރިވެގެން ދޮންތި ތިދަނީ؟" ޒިވްރާގެ ގާތަށް އައިސް ހުއްޓިލަމުން ޒައިހާ އެއްސެވެ. "ޑޭޓަކަށް" ކުޑަކޮށް އެއްލޯ މަރައިލަމުން ޒިވްރާ ބުނެލީ ލާނެތްގޮތަކަށެވެ. ވަގުތުން ޒައިހާގެ މޫނުމަތީގައި އިހުހުރި ހިނިތުންވުން ފިލައި ދިޔައެވެ. ސީރިއަސް ނަޒަރަކުން ޒިވްރާއަށް ބަލައިލަމުން އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ގޭގެ ބެލް އަޅައިލިއަޑު އިވިފައި އޭނާ ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު ގޭގައި އުޅުނު ޚާދިމަކު އަވަސް ހިނގުމެއްގައި އައިސް ދޮރު ހުޅުވާލިއެވެ. ފުޅާ ހިނިތުންވުމަކާއެކު ރަތްކުލައިގެ ބޮޑުފިނިފެންމާބޮނޑިއެއް ހިފައިގެން ދޮރުމަތީގައި ހުރި މިކްދާދް ފެނިފައި ޒައިހާގެ ހަރަކާތްތައް ހުއްޓުނެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި އޭނާ މިކްދާދްއަށް ބަލަހައްޓައިގެން ހުރީ ވަށައިގެންވީ ހުރިހާކަމެއް މަތިން ހަނދާންނެތިފައެވެ. މިކްދާދް އަށްވެސް އެތައް ދުވަހެއްފަހުން ޒައިހާ ފެނުމުންވީ އެފަދަ ގޮތެކެވެ. އެހެންނަމަވެސް އަމިއްލަ އިހުސާސުތަކުގެ މައްޗަށް ގަދަވެގަންނަމުން އޭނާ ކުޑަކޮށް ކަރުކެހިލަމުން ޒިވްރާ އަށް ބަލައިލުމަށްފަހު އޭނާއާ ދިމާއަށް ހިނގައިގަތެވެ. މިކްދާދް އައިސް އެމީހުން ގާތަށް މަޑުކޮށްލުމާއެކު ޒައިހާ މަޑުމަޑުން ޒިވްރާގެ ކުރިމަތިން އެއްފަރާތަކަށް ޖެހިލިއެވެ.

 

"ފޯރ ޔޫ" ލޯބިވެތި ހިނިތުންވުމެއް ޒިވްރާއަށް ހަދިޔާކޮށްލަމުން މިކްދާދް އަތުގައި އޮތް މާބޮނޑި ޒިވްރާއަށް ދިއްކޮށްލިއެވެ. އަދި ކަތި ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން ދެލޯބޮޑުވެފައި ހުރި ޒައިހާއަށް ބަލައިލިއެވެ. "ވާއޮ.. ވަރަށް ލޯބި. ތެންކް ޔޫ" ލުއި ގޮތަކަށް ހީނލަމުން ޒިވްރާ މާބޮނޑީގައި ހިފައިލަމުން ޝުކުރު އަދާކޮށްލިއެވެ. އެވަގުތު ހުއްޓުން އަރައިފައިހުރި ޒައިހާ ފެނި ކޮންމެވެސް ވަރަކަށް ޒިވްރާ ގާތަށް ހިނިއަންނަގޮތްވިއެވެ.

 

"ސޯ ސޮރީ.. އަދި އަހަރެންގެ ލޯބި ސިސްޓަރ އިންޓްރޯޑިއުސްކޮށް ނުދެވޭ ދޯ. މިގެއަށް މިކްދާދް އައި ދުވަހުވެސް ރަނގަޅަށް ބައްދަލުކޮށް ނުދެވެނީސް ޒައި ބަލިވެގެން ދާން ޖެހުނީވިއްޔަ. މީޓް މައި ލަވިންގް ސިސްޓަރ ޒައި.. ޒައި، މީ މިކްދާދް އިނގޭ" އެކަކު އަނެކަކަށް އިޝާރާތްކޮށްލަމުން ޒިވްރާ ބުނެލިއެވެ. ކުޑަކޮށްވެސް ޒައިހާ އާއި މިކްދާދްއާ ދެމެދަށް ވެރިވަމުން އައި ނުތަނަވަސްކަމުގެ އެއްވެސް ހިލަމެއް ޒިވްރާއަކަށް ނުވިއެވެ. "ސޯ ނައިސް ޓް މީޓް ޔޫ.. ވަރަށް އުފާވެއްޖެ" ނިތްއަރުވައިލަމުން ޒައިހާއަށް ބަލައިލުމަށްފަހު މިކްދާދް ބުނެލިއެވެ. ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެވޭތޯ ޒައިހާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ރީތި އެސްފިޔަތަކުގެ ފަހަތުގައި ފޮރުވިފައިހުރި ކަރުނަތައް ހީވަނީ ދެންމެ ދެންމެ އޭގެ މަގާމުދޫކޮށް ފައިބައިފާނެ ހެންނެވެ. އެކަން ކިތަންމެ ރީތިކޮށްވެސް މިކްދާދްއަށް ފާހަގަކުރެވުނެވެ. އެހެނަސް ނުފެންނަކަމަށް ހަދާލައިގެން އޭނާ ހުރީއެވެ.

 

"ހީވަނީ ޒިވީގެ ކޮއްކޮއަށް އަހަރެން އެހާ ކަމުނުދާހެން" ޒައިހާގެ ދެލޮލާ ނަޒަރު ސީދާކޮށްލައިގެން ހުރި މިކްދާދް ބުނެލި އެއްޗަކުން ޒައިހާއަށް ސިހިފައި ތެޅިގަނެވުނެވެ.

 

"ވަޓް.. ނު.. ނޫން.. ތީހަމަ ހީވާގޮތް" ދެލޯބޮޑުކޮށްލަމުން ޒައިހާ އަވަސް އަވަހަށް ބުނެލިއެވެ. ކުޑަކޮށްވެސް އެއްވެސް ކަމެއް ޒިވްރާއަށް ޝައްކުވިޔަދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

 

"ވަރަށް އުފާވޭ މިހާ ލޯބި އާއިލާއެއްގެ ހިއްސާއަކަށް ވެވޭތީ. ޚާއްސަކޮށް ޒިވީގެ ހުރި ހަމައެކަނި ކޮއްކޮގެ ދޮންތިބެއަށް ވެވޭތީ. ދެން އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނެތެއްނު ދޯ. ކީކޭތަ އަހަރެން ކިޔަންވީ؟ ޒައި ތަ؟ ނޫނީ ޒައިއްކޮތަ؟ އަހަންނަށް އޯކޭ އިނގޭ މިހާރުން ފެށިގެން ދޮންތިބެ ކިޔަސް ވެސް. ދޯ ޒިވީ" ލައިގެން ހުރި ޖިންސްގެ ދެޖީބަށް އަތްޖަހައިލަމުން މިކްދާދް ބުނެލިއެވެ. އޭނާގެ ދެލޮލުގައިވި ތޫނުކަމުންޒައިހާއަށް ހިންދިރުވައިލެވުނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް މިކްދާދްގެ ވާހަކަދެއްކުން ހުރިގޮތާއި އެއަޑާއި ރާގުގައިވި މަލާމާތުގެ އަސަރު ފާހަގަވެ ޒައިހާގެ ހިތުގައި ޖެހޭގޮތްވިއެވެ. ތުންފިއްތައިލަމުން އޭނާ ދުރަށް ބަލައިލިއެވެ.

 

"ހެހެ ޒައި ކިޔަސް އޯކޭވާނެ. އެކަމަކު އަދި ދޮންތިބެ ކިޔަން މާ އަވަސް ދޯ ޒައި" މިކްދާދްގެ ވާހަކައަށް ހިނިތުންވެލަމުން ޒައިހާގެ އަތުގައި ހިފައިލައިފައި ޒިވްރާ ބުނެލިއެވެ. "އޯހް ހެހެ އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން. އެކަމަކު މިހާރުން ފެށިގެންވެސް ފަރިތަ ކުރިއްޔާތާ ކައިވެންޏަށްފަހު އެހެން ކިޔަން ފަސޭހަވާނީ" ލާނެތް ރާގަކަށް މިކްދާދް އެހެން ބުނެލުމާއެކު ޒައިހާއަށް ބޭއިޚުތިޔާރުގައި ދަތްކުނޑި ވިކައިލެވުނެވެ. ސިއްރުސިއްރުން މިކްދާދްއާ ދިމާއަށް ލޯއަޅައިލަމުން އޭނާ އިސްޖަހައިލިއެވެ.

 

"އެނީވޭސް، ހިނގާ ދާން. އަހަރެން ހުންނާނީ ޒިވީއަށް ޚާއްސަކޮށް ރެސްޓޯރެންޓެއްގަ ރިޒަވޭޝަން ހައްދާފަ. ގަޑި ޖެހިއްޖެއްޔާ ކެންސަލް ވެދާނެ. އަހަރެމެންގެ ފަސްޓް ޑޭޓްގަ އެކަހަލަ ދެރަގޮތެއް ވާކަށް ބޭނުމެއްނޫން. ކީކޭ ޒައި ބުނަނީ؟" ލޯބިން ފުރިގެންވީފަދަ ގޮތަކަށް ޒިވްރާއާ މުޚާތަބުކޮށް މިކްދާދް ބުނެލިއެވެ. އަދި އަވަސް ނަޒަރެއް ޒައިހާ އަށް ދިނެވެ. މިކްދާދްގެ އަޑަށް އިސްއުފުލައި ޒައިހާ ބަލައިލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ. "އެ ތެދެއް. ދެން އަވަހަށް ދޮންތި ދޭ" ގަދަކަމުންކަހަލަ ގޮތަކަށް ފަނޑު ހިނިތުންވުމެއް ޒިވްރާއާ ބަދަލުކޮށްލަމުން ޒައިހާ ބުނެލިއެވެ. އެއަޑުގައިވި ވޭން ކިތަންމެ ރަނގަޅަކަށް ވެސް މިކްދާދް އަށް އިހުސާސުކުރެވުނެވެ. އެކަމުން ޚުދު އޭނާގެ އަމިއްލަ ހިތަށް ވެސް ތަދުވެލިއެވެ. އެހެނަސް ޒައިހާގެ ކުރިމަތީގައި އެއިން އެއްވެސް އަސަރެއް ފައުޅުކުރާކަށް މިކްދާދް ބޭނުމެއްނުވިއެވެ. ކުޑަކޮށް ޒައިހާގެ ގައިގައި ބައްދައިލުމަށްފަހު މިކްދާދްއާ އެކުގައި ގެއިން ނުކުތުމަށް ޒިވްރާ މިސްރާބުޖެހިއެވެ.

 

އެ ދެމީހުން ނުކުމެ ގޭގެ ދޮރު ލައްޕައިލުމާއެކު އެ ހުރިހައިއިރު ޒައިހާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް ފައިބަންފެށިއެވެ. މަޑު ގިސްލުމެއް އަނގައިން ބޭރުވުމާއެކު އޭނާ އަނގަމަތީގައި އަތްއަޅައި ބާރުކޮށްލިއެވެ. އަދި ދުވެފައިކަހަލަ ގޮތަކަށް ސިޑިން އަރައިގެން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އެހާ ޖެހިލުންކުޑަ ގޮތަކަށް އޭނާގެ ކުރިމަތީގައި މިކްދާދް ވާހަކަދައްކަފާނެ ކަމަކަށް ޒައިހާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކްދާދް އަށް އައިސްފައި ހުރި ބަދަލުފެނި އޭނާ ހަމަ ރަނގަޅަށް ވެސް ހައިރާން ވެއްޖެއެވެ. އެއީ އެއްއިރެއްގައި އޭނާ ދެކެ ލޯބިން ގުރުބާންވީ މިކްދާދް އެއް ނޫނޭ އަމިއްލަ ޟަމީރު ބުނެލުމާއެކު ޒައިހާގެ ގިސްލުން އިހުނަށްވުރެ ބާރުވެލިއެވެ. އެނދުމައްޗަށް ވެއްޓިގަންނަމުން އޭނާ ބާލީސް ގެނެސް މޭގައި ޖައްސައި ބާރުކޮށްލިއެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެގެން އޭނާ މޭގައި އަތްޖައްސައި ބާރުކޮށްލިއެވެ. ތުރުތުރުއަޅަމުންދިޔަ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލަމުން ޒައިހާ ދެލޯ މަރައި ފިއްތާލިއެވެ. އެވަގުތު އެސްފިޔަތަކުގެ ތެރެއިން ސިފަވެގެން އައީ މިކްދާދްގެ ހިތްގައިމު ފިރިހެންވަންތަ ސޫރައެވެ. އެއާއެކު ދާދި ދެންމެ އޭނާއަށް ނިސްބަތްކޮށް މިކްދާދް ދެއްކި ވާހަކަތައް ކަންފަތްބުޑުގައި ގުގުމައިލިއެވެ. ޅިޔަނެއްގެ މަގާމު އޭނާ މިކްދާދްއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެހިތުގެ ދިރުމެވެ. އޭނާގެ ލޯތްބެވެ. ވީއިރު އެފަދަ ނަޒަރަކުން އޭނާ އަށް ދުވަހަކުވެސް މިކްދާދް ބަލައިގަނެވިދާނެ ބާއެވެ؟ އަމިއްލަ ނިންމުންތަކާމެދު ޒައިހާއަށް ސުވާލު އުފެދެން ފެށުމުން އޭނާ ނިތުގައި އަތްއަޅައި އޮބައިލިއެވެ. މިކްދާދްގެ ނިޔަތް ނޭނގި ޒައިހާ ކޮންމެވެސް ވަރަކަށް ހިތްބިރުގަންނަގޮތް ވިއެވެ. އަނެއްކާ.. އަނެއްކާ މިކްދާދް އެއުޅެނީ ޒިވްރާއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ބާވައެވެ؟ އަމިއްލަ ޟަމީރު ކޮށްލި ސުވާލާއެކު ފުންމައިގެން އޮތްތަނުން ޒައިހާއަށް ތެދުވެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ.

 

(ނުނިމޭ)