ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން 25 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޚިދުމަތް ދޭން ފަށައިފި
ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން 25 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި އަދި ރ. އަތޮޅު ބައެއް ރަށްތަކުގައި ސޯލާ ހަރުކޮށްފައިވެއެވެ.
އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން ހިންގޭ އިޢާދަކުރަނިވި ހަކަތައިގެ މުހިއްމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ދެ އަތޮޅުގައި ގާއިމް ކޮށްފައިވާ 6.3 MWp (ހައެއްޕޮއިންޓު ތިނެއް ފަހެއް މެގަވޮޓް ޕީކް) ސޯލާ އާއި 9.95 MWh (ނުވައެއް ޕޮއިންޓު ނުވައެއް ފަހެއް މެގަވޮޓް އަވަރ) ބެޓަރީ ސިސްޓަމްތަކުން،އަހަރަކު 68 މިލިޔަން ރުފިޔާ ޑީސަލް ސޭވިންގ ގޮތުގައި ރައްކާ ކުރެވޭނެއެވެ.
އަދި ރ. އަތޮޅުގައި އެކަނި 3.65MWp ސޯލާރ ޕީވީ އާއި 5.34 MWh ބެޓަރީ ސްޓޯރޭޖްއިން އަހަރަކު 39 މިލިޔަން ރުފިޔާ ޑީސަލް ސޭވިންގ ގޮތުގައި ރައްކާ ކުރެވޭނެއެވެ. އެއާއެކު ޑީސަލް އިންޖީނުތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.
ޕޮއިސްޑް ޕްރޮޖެކްޓް ފަސްވަނަ ފިޔަވަހީގެ ދަށުން ރ. އަތޮޅުގައި އިންސްޓޯލް ކުރެވޭ ސޯލާރ ނިޒާމުތަކާއިއެކު ފެނަކައިގެ ޖުމްލަ17.95MWp ސޯލާރ ޕީވީ ގާއިމްކުރެވިގެންދާނެއެވެ. އަދި މި 17.95MWp ގެ ތެރެއިން ޕޮއިސްޑް ޕްރޮޖެކްޓްގެ އެކި ފިޔަވަހިތަކުގައި MWP 16.8 ސޯލާރ ޖަހާފައިވެއެވެ.
މި ފިޔަވަހީގައި ޖުމްލަ 15 ރަށެއްގެ ޑީސަލް ޕަވަރހައުސްތައް ދުވާލު 6 ގަޑިއިރާ 10 ގަޑިއިރާ ދޭތެރޭ ގަޑިއިރުތަކަށް ނިއްވާލެވުމަކީ މި ޕްރޮޖެކްޓްގެ އެންމެ މުހިއްމު އެއް ކާމިޔާބީއެވެ.
މި މަޝްރޫއު އިފްތިތާހުކުރައްވާ ވާހަކަފުޅު ދައްކަވަމުން މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއީ ރާއްޖޭގައި ކާމިޔާބުކަމާއި އެކު ޑީސަލް - ސޯލާރ ޕީވީ - ބެޓަރީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރެވުނު ފުރަތަމަ މަޝްރޫއުކަމަށެވެ.
އަދި ބޭނުންކުރެވޭ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން 2028 ވަނަ އަހަރު ނިމޭއިރު ފޯރުކޮށްދިނުމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިއްމު ލަނޑުދަނޑިއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ހަރުކުރެވޭ ސޯލާރ ނިޒާމްތަކުގެ އިތުރުން، އެނާރޖީ މެނޭޖްމަންޓް ސިސްޓަމްތަކާއި ބެޓަރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމްތަކަކީ، މި ލަނޑުދަނޑި ހާސިލްކުރުމުގައި ހިއްސާވާ މުހިއްމު ވަސީލަތްތަކެއް ކަމަށް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.
Ads by BMLމީގެ އިތުރުން އެމްޑީ ވަނީ މި މަޝްރޫއު ވިލަރެސްކޮށް މޮނިޓަރ ކުރުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދައުރު ފާހަގަކޮށް، މިނިސްޓަރާއި މިނިސްޓްރީގެ ޓީމަށް ޝުކުރުދަންނަވާފައެވެ.
Ads by MACL
